ރިޔާސީ އިންތިހާބުގެ ދެވަނަބުރާ ގުޅޭގޮތުން ނިންމަވާގޮތް މިރޭ ހާމަ ކުރައްވާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ އުމަރުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އުމަރު ވިދާޅުވީ، މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅޭގޮތުން އުމަރާއި އުމަރުގެ “New Direction” ޓީމުން ނިންމާ ނިންމުން އިއުލާނުކުރުން މިރޭ 09:30 ގައި ކެމްޕޭނު ސްޓޫޑިއޯއިން ވަގުތުން، ފޭސްބުކް ޓިކްޓޮކްގައި ލައިވްކޮށް ގެނެސްދެވޭނެ ކަމަށެވެ.
އުމަރުގެ ނިންމުން މިރޭ ހާމަކުރައްވާނެކަން އިއުލާނު ކުރެއްވިއިރު، ދެވަނަ ބުރެއްގައި އެއްވެސް ކޮޅެއް ހިޔާރު ނުކުރައްވާނެކަން، ފުރަތަމަ ބުރުގެ ކެމްޕޭނުގެ ތެރޭގައި އުމަރު ވަނީ އިއުލާނު ކުރައްވާފައެވެ.
ފުރަތަމަ ބުރުގައި ވާދަކުރި ރިޔާސީ ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ގޮތް ނިންމެވި ފަރާތްތަކުގެ ތެރެއިން ކޯލިޝަނެއް ހެއްދެވީ އެމްއެންޕީ، މުހައްމަދު ނާޒިމެވެ. ނާޒިމް ހިޔާރު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލާއި ފާރިސް މައުމޫންގެ އިތުރުން ޖުމްހޫރީޕާޓީ، ގާސިމް އިބްރާހިމް ވަނީ ދެވަނަ ބުރާމެދު ގޮތްނިންމައި، ކޯލިޝަން ނުހައްދަވާނެކަން އިއުލާން ކުރައްވާފައެެވެ.

