ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރެއްވުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތަރުޖަމާނު އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ސޯލިހު ނިންމަވައިފިއެވެ.
އަލީ ސޯލިހު މިއަދު ވިދާޅުވީ ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލާލާއިރު ދެވަނަ ބުރުގައި އޭނައަށް އެންމެ ރަނގަޅު ޗޮއިސްއަކީ ރައީސް ސޯލިހު ކަމަށާއި އަނިޔާވެރިކަމަށް އަނބުރާ ދާން ބޭނުންނުވާ ކަމަށެވެ.
ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވެސް ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވާފައެވެ. ރިޔާޒް ވިދާޅުވީ ރައީސް ސޯލިޙަކީ ވަރަށް ކުރީއްސުރެން ދަންނަ ރަޙުމަތްތެރި ބޭފުޅެއްކަމަށާއި، އެ ގުޅުމުގެ ތެރެއިން ރައީސް އޭނާގެ ތާއީދަށް އެދިވަޑައިގަތުމުން، ތާއީދުކުރުމަށް ނިންމެވީކަމަށެވެ.
މިމަހު 30 ވަނަ ދުވަހު ބާއްވާރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕީއެންސީގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއެވެ.
ފުރަތަމަ ބުރުގައި ބައިވެރިވި ކެނޑިޑޭޓުންގެ ތެރެއިން އެމްއެންޕީގެ ކެނޑިޑޭޓް ވަނީ މުއިއްޒަށް ތާއީދުކުރަން ނިންމާފައެވެ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީ، ޑިމޮކްރެޓްސްއިން ވަނީ އެއްވެސް ކޮޅަކަށް ނާރާނެކަން އިއުލާންކޮށްފައެވެ.
އެހެންނަމަވެސް ޑިމޮކްރެޓްސްގެ ބައެއް ސަޕޯޓަރުން ދަނީ މުއިއްޒުގެ ކެމްޕެއިނާއި ގުޅި މުއިއްޒުގެ ފަހަތަށް އަރަމުންނެވެ. ހަމަ އެގޮތަށް ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންދަނީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމަމުންނެވެ.

