ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިމައުލޫމާތު ހާމަކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެކްސް.ކޮމްގައި ހަބީބު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ނިޒާމު ބަދަލުކުރުމާ ގުޅޭ ގަރާރު އެ ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެކަމާމެދު އެ ކޮމިޝަނުން އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

އިލްޔާސްލަބީބު، މަޖިލިސް20، ސެޕްޓެމްބަރ:ފޮޓޯ-މަޖިލިސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިއްޔެ ފާސްކުރި އެ ގަރާރުގައި އަންނަ މަހުުގެ 30 ވަނަ ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމް ކަނޑައެޅުުމުގެ ވޯޓު ނެގުމަށް ވަނީ ކަނޑައަޅާފަައެވެ.
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އިސްކަންދީގެން ދަ ޑިމޮކްރެޓްސް އިން އެ ގަރާރު ހުށަހެޅީ، އެ މިހާރަށްވުރެ ރަނގަޅު ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ވެރިިކަމުގެ ނިޒާމުގެ ވޯޓެއް ނެގުމަށް ބޮޑު ދެ ޕާޓީކަމުގައިވާ އެމްޑީޕީ އާއި ޕީޕީއެމުން އެއްބަސްވި ނަމަވެސް މި ފަހަރުގެ ވޯޓާ ގުޅިގެން އެ ދެ ޕާޓީން ތާއީދުކުރާ ވެރިކަމުގެ ނިޒާމަކީ ކޮބައިކަން އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވެއެވެ. އެހެން ނަމަވެސް، މީގެކުރިން ނިޒާމީ ވޯޓަކަށް ދެކޮޅު ހަދައި ޕީޕީއެމުން ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައެވެ.

