އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންނަށް ބިރުދެއްކުމެއް، ބޭއިންސާފުވުމެއް ނޯންނާނެކަމަށާއި، މިސަރުކާރުގެ ބިރުދެއްކުންތަކުން މިގައުމު ސަލާމަތްކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ ފައިނަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވާހަކަދައްކަވަން ފެށްޓެވީ، ފައިނަށް ވަޑައިގަތުމުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާ ފާހަގަކުރައްވައި ރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަމުންނެވެ. އިންތިހާބުގެ ފުރަތަމަބުރު ފައިނުން ލިބިވަޑައިގެންނެވި ކާމިޔާބުން އެރަށުގެ ރައްޔިތުން އިތުބާރު ކުރައްވާ މިންވަރު ހާމަވާ ކަމަށް ވިދާޅުވުމާއެކު، ދެވަނަ ބުރުގައި ވެސް ވަރަށް މަތީ ނަތީޖާއެއް ހޯދައިދިނުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

ޑރ މުއިއްޒު ފައިނަށް ވަޑައިގެން، މަރުހަބާ ދަންނަވަން ނުކުމެ ތިބި އެރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ
މުއިއްޒު ވިދާޅުވީ ވަޒީފާއާ މެދު ބިރުހީވާ ފަރާތްތަކުން އެ ބިރު ދޫކޮށްލައި، އެމަނިކުފާނަށް ތާއީދު ކުރައްވައި ވޯޓު އިތުރުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންނެވުމާއެކު، މުއިއްޒު ވިދާޅުވީ އެފަރާތްތަކަށް ވަޒީފާ ޔަގީންކޮށްދެއްވައި، ވަޒީފާ ކަށަވަރު ކޮށްދެއްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެސް މީހަކަށް ބިރުދެއްކުމެއް އަދި އެއްވެސް މީހަކާ ދޭތެރޭގައި ބޭއިންސާފުން ވުމެއް ނޯންނާނެ. ފިކުރުގެ މިނިވަންކަން އޮންނާނެ. ވަޒީފާ ގެއްދާނެތީ ބިރުން އުޅޭކަށް ނުޖެހޭނެ،" ޑރ މުއިއްޒު
އެމަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް މީހަކަށް ބިރުދެއްކުމެއް، އެއްވެސް މީހަކާ ދޭތެރޭ ބޭއިންސާފު ވުމެއް ނޯންނާނެކަމަށެވެ. މުއިއްޒު ވިދާޅުވީ، ފިކުރުގެ މިނިވަންކަން އޮންނާނެކަމަށާއި ވަޒީފާ ގެއްލިދާނެތީ ބިރުން އުޅޭކަށް ނުޖެހޭނެކަމަށެވެ. މި ސަރުކާރުން ވަޒީފާ ދީފައި ތިބި އެންމެންގެ ވަޒީފާވެސް ދަމަހައްޓައިދެއްވާނެ ކަމަށާއި ޕްރޮބޭޝަނުގައި ތިބި މުވައްޒަފުންގެ ވަޒީފާވެސް ދާއިމީ ކޮށްދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.
މުއިއްޒު ވިދާޅުވީ، ބިރު ދެއްކުންތައް ފިލައި، ރައްޔިތުންނަށް ހަމަޖެހުން ލިބެން ޖެހޭ ކަމަށެވެ. މިގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވެންޖެހެޔޭ ވިދާޅުވަނީ އެމަނިކުފާނު ހަގީގަތުގައި ވެސް އެކަން ކޮށްދެއްވާހިތުން، އެކަން ކުރައްވަން ބޭނުންފުޅުވާތީކަމަށެވެ. އެހެންކަމުން ވަޒީފާގެ ބިރުއޮތް ފަރާތްތައް ބިރުގަންނާނެކަމެއް ނެތްކަމަށާއި ވަޒީފާއިން ވަކިކޮށްފިނަމަ އަނބުރާ ވަޒީފާ ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް މުއިއްޒު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
"މި ވެރިކަމުގައި މުޅި ގައުމުގައި އޮތީ މި ބިރުދެއްކުން. އަޅުގަނޑުމެން ދާ ކޮންމެ ރަށަކުންވެސް އެ ރަށެއްގައި ސަރުކާރުގެ ވަޒީފާ ތަކުގައި ތިބި މުވައްޒަފުންގެ ވަޒީފާ ދެމި އޮންނާނެކަން ޔަގީންކަމަށް ބުނަން އެދޭ. އެހެން އެ އެދެނީ ސަރުކާރުން ކޮންމެ ދުވަހަކު މުވައްޒަފުންނަށް ބިރު ދައްކާތީ. ސަރުކާރުގެ ބިރު ދެއްކުންތަކުން މުޅި ގައުމު ސަލާމަތްވާން އެބަޖެހޭ." ޑރ މުއިއްޒު
މުއިއްޒު ވިދާޅުވީ މިވެރިކަމުގައި މުޅި ގައުމުގައި އޮތީ ބިރުދެއްކުން ކަމަށާއި ކޮންމެ ރަށަކުންވެސް އެ ރަށެއްގައި ސަރުކާރުގެ ވަޒީފާ ތަކުގައި ތިބި މުވައްޒަފުންގެ ވަޒީފާ ދެމި އޮންނާނެކަން ޔަގީންކަމަށް އެދޭކަމަށެވެ. އެހެން އެ އެދެނީ ސަރުކާރުން ކޮންމެ ދުވަހަކު މުވައްޒަފުންނަށް ބިރު ދައްކާތީ ކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ ބިރު ދެއްކުންތަކުން މުޅި ގައުމު ސަލާމަތްވާން އެބަޖެހޭ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ބިރުވެރިކަން މީހުންގެ ހިތްތަކަށް ވައްދައިގެން ވެރިކަން ކުރުމަކީ ވަރަށް ފިނޑި ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި އެކަން ނިންމާނީ ސެޕްޓެމްބަރު 30ގައި ފައިނުގެ ރައްޔިތުންގެވެސް ވޯޓާއެކުކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

