ރ. އަނގޮޅިތީމާއި އިންނަމާދޫގެ ގިނަ ބަޔަކު، ޑރ. މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާ ގުޅިއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން އެއަަތޮޅު އަނގޮޅިތީމާއި އިންނަމާދޫއަށް ވަޑައިގެންނެވުމުން އެދެރަށުން ވެސް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ދެންނެވީ ވަރަށްވެސް ހޫނު މަރުހަބާއެކެވެ. އަދި އަތޮޅުގެ އެހެންރަށްތަކެކޭ އެއްފަދައިން މިދެރަށުގައި ބޭއްވި މިޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
އިންނަމާދޫގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޑރ މުއިއްޒަށް ތާއީދުކޮށް ޕީޕީއެމާ ގުޅިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
އިންނަމާދޫއިން ގުޅުނު މީހުންނަށް މަރުހަބާ ދަންނަވައި އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ މި ނިންމުމަކީ އިންނަމާދޫ ރައްޔިތުންގެ ކުރިމަގަށް ނިންމާ މުހިންމު ނިންމުމެއް ކަން ފާހަގަކުރައްވައި، މިއަދު ސަރުކާރަށް ބިރަށް ވަޒީފާއިން ވަކިކޮށްފާނެ ކަމަށް ނުބަލައި މުއިއްޒުއަށް ތާއީދު ކުރި ކުުރުމަކީ ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށް ވިދާޅުވެފައެވެ.
މިސަރުކާރުން ވަޒީފާގެ ބިރު ދައްކައި، ނުފޫޒު ފޯރުވި ނަމަވެސް މިވެރިކަން ބަދަލު ކުރުމަށް ރައްޔިތުން ވަރަށް ސާބިތު ކަމާއެކު ކެރިގެން ތިބިކަން ފާހަގަކުރައްވައި ފަލާހު ވަނީ އެފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެެ.
އިންނަމާދޫއިން ޕީޕީއެމާ ގުޅުނު ފަރާތްތަކަށް މަރުހަބާ ދެންނެވުމާއެކު ޑރ މުއިއްޒު ވަނީ އެފަރާތްތަށް ވަޒީފާގެ ޔަގީންކަން ދެއްވާފައެވެ.
ރ. އަނގޮޅިތީމުން ޕީޕީއެމް/ޕީއެންސީއަށް ސޮއި ކުރި މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައިވެސް އުޅުއްވި ފަރާތްތައް ހިމެނެއެވެ. އަނގޮޅިތީމުން ސޮއިކުރެއްވި ފަރާތްތަކުގެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ.
ގިނަ އަދަދެއްގެ ޒުވާނުން ޕާޓީއާ ގުޅުމަކީ ލިިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަން ހާމަކުރައްވައި ޑރ މުއިއްޒު ވިދާޅުވީ މިސަރުކާރު ބަދަލުކުރަން ޒުވާނުން ބޭނުންވާ ވަރާއި، ޒުވާނުން ބަކީވެފައިވާ މިންވަރު މިކަމުން ފާހަގަކުރެއްވިއެވެ.
މި ސަރުކާރުގެ އެފަދަ އުސޫލުތައް ބަދަލުކުރައްވައި ޒުވާނުން ބާރުވެރިކުރުވައި، ވަޒީފާތައް ކަށަވަރުކޮށްދެއްވާފައެވެ.

