ބ ހިތާދޫގައި މިސަރުކާރުން ފެށިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަސައްކަތްތައް ފަދަ ނުނިމި، މެދުކެނޑިފަ ހުރި މަޝްރޫއުތައް އިސްކަންދީގެން ބާރުމިނުގައި ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިނުގައި، މިއަދު ބ ހިތާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބ ހިތާދޫއަށް އިންތިހާބުގެ ފުރަތަމަ ބުރު ވަޑައިގެންނެވި ފަހަރުވެސް ފާހަގަކުރެއްވި ކަންތައްތައް މިފަހަރުވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެެވެ. ހިތާދޫގައި މިސަރުކާރުން ފަށާފައި ނުނިމި ހުރި ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަސައްކަތްތައް ވިޔަސް އަދި އެނޫން އެހެންވެސް ނުނިމި ހުއްޓިފައި ހުރި މަސައްކަތްތައްވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ބާރުމިނުގައި ކުރިއަށް ގެންގޮސް ނިންމަވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ލެބޯޓަރީ ހިދުމަތް ތައާރަފްކޮށް ފެންވަރު ރަނގަޅު ތަނަކަށް ރަށުގެ ސިއްހީމަރުކަޒު ތަރައްގީކޮށްދެއްވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހިތާދޫ ރައްޔިތުންނަށް މުއިއްޒު ވެވަޑައިގެންވި ވައުދުތަކުގެ ތެރޭގައި:
- ސިއްހީ މަރުކަޒު، ފެންވަރު ރަނގަޅު ލެބޯޓަރީއަކާއެކު ތަރައްގީކުރުން
- ސްކޫލުގެ ޖާގަ އިތުރުކޮށް އަޕްގްރޭޑްކޮށްދިނުން
- ޒަމާނީ ފެންވަރުގެ، ބޮޑު ފުޓުބޯޅަ ދަނޑަކާއި ވޮލީކޯޓެއް ހަދައިދިނުން
- ރަށުގެ ފަޅުތެރެއިން ޖާގަ ލިބެން އޮތް އެންމެ ބޮޑަކަށް ހިއްކައި ދިނުން
ކުރިއަށް އޮތް ހަތް ދުވަހު ތެރޭ ހުރިހާ ދިވެހި ރައްޔިތުން އެކަތި ގަނޑަކަށް ވެހެން ގައުމުގެ މަސްލަހަތު އިސްކޮށް މިސަރުކާރު ބަދަލު ކުރުމަށްއަތުކުރި އޮޅާލުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އަދި އިސްތިގުލާލު ހިފެހެއްޓޭނީ މިވެރިކަން ބަދަލުކޮށް، ދިވެހިން އެދޭ ދިވެހިންގެރާއްޖެ ހާސިލުވެގެން ކަމަށެވެ. އެހެންކަމުން އެފަދައިން ހުރިހާ ދިވެހި ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

