މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ސިންގަޕޫރުގެ ބޭސްފަރުވާގެ ފުުރަތަމަ ފިޔަވަހި ފުރިހަމަކުރެއްވުމަށްފަހު، ރޭ ރާއްޖެ ވަޑައިގެންފިއެވެ.
އެމްޓީޑީން ހާމަކުރި ގޮތުގައި، އަދީބު ރާއްޖެ ވަޑައިގެންނެވީ ސިންގަޕޫރް އެއާލައިނުން ރޭ 10:10 ގައި ކަމަށެވެ.
އަދީބު މާލެ ވަޑައިގެންނެވީ ފަރުވާއަށް ސިންގަޕޫރުގައި ހުރުމަށް އިތުރު މުއްދަތު ދީފައި އޮތްކަމުގައިވިޔަސް، ފަރުވާގެ ފުރަތަމަ ފިޔަވަހި ނިމިފައިވާތީ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމަށް އެމްޓީޑީން ބުންޏެވެ. އަދީބަށް ބޭނުންވާ އިތުރު ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ އަންނަ މަހުގައި ކުރިއަށްގެންދާނެ ކަމަށްވެސް އެމްޓީޑީން ވަނީ ބުނެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން މިސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އަދީބުގެ ބޭސް ފަރުވާގެ މުއްދަތު ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ވިހި އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެގެން، އެންމެ ފުރަތަމަ ފަރުވާދެވުނީ އައިޖީއެމްއެޗުގެ އިމަރޖެންސީގައެވެ. އީއާރްގައި އަދީބަށް ފަރުވާދެއްވަމުން ދަނިކޮށް ހާލުކޮޅު ސީރިއަސްކަމަށްވާތީވެ، ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގަންނަވަން ދިހަ ދުވަހުގެ ހުއްދައެއް ދިނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދީފައިވާތީ، އަދީބު ރާއްޖެއިން ބޭރަށް ފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ ކަރެކްޝަންގެ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުންނެވެ. އަދީބު ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޓީޑީން ބުނެފައިވާ ގޮތުގައި އަދީބު ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އަދީބަށް ފުރަތަމަ ދިން ހުއްދަ، ޖުލައިމަހުގެ 12 ވަނަ ދުވަހު ދިން ދިހަ ދުވަހުގެ މުއްދަތު ހަމަވުމުން ކަރެކްޝަންސްއިން ވަނީ މިިދިޔަ އޮގަސްޓު މަހުގެ 28އާ ހަމައަށް އެ މުއްދަތު އިތުރުކޮށްދީފައެވެ. އަދި އަނެއްކާވެސް އޭގެ ފަހުން މި މަހުގެ 15އާ ހަމައަށް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
އަދީބު ވަނީ މީގެ ކުރިން ޖަލު ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން އިންޑިއާއަށް ވަޑައިގެންފަރުވާ ހޯއްދަވައިފައެވެ. އެފަހަރުގެ ބޭސްފަރުވާއަށްފަހު އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.
ޕެރޯލްގެ ދަށުން އަދަބު ލުއިކުރަން ހުށަހަޅައިފައި ވީނަމަވެސް އަދީބުގެ ޕެރޯލްއާމެދު އަދި ގޮތެއް ނުނިންމައެވެ.

