ރާއްޖޭގެ ސިޓީތަކުގެ މަގުތައް ހަދާނީ ރޭސިންސްތައް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުުގެ ކެމްޕޭނު ތެރެއިން ކުޅުދުއްފުށި ސިޓީއަށް ރޭ ވަޑައިގެން އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގެ އަދި ސިޓީތަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނެކަމަށެވެ. އަދި އޭގެ ތެރޭގައި ކަނޑައެޅޭ، ހާމަކުރެވޭ ގަވާއިދެއްގެ ތެރޭގައި ބަޔާން ކުރެވިފައި އޮންނަ މިންގަނޑުތަކެއް ހިމެނޭ ގޮތަށް ރޭސިންއަށް ބޭނުން ކުރެވޭ ގޮތަށް ބައެއް މަގުތައް ފަރުމާ ކުރެވިފައި ހުންނާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރޭސިންގގައި ބައިވެރިވާ ފަރާތްތަކަށް ވަކި ގަޑިތަކެއްގައި، ވަކި މިންގަނޑުތަކަކާއި ވަކި ހުދޫދެއްގެ ތެރެއިން އެކަން ކުރިއަށް ގެންދާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލްސާގެ ތެރެއިން….ފޮޓޯ:ޕީޕީއެމް
މުއިއްޒު ވިދާޅުވީ، ވަކި ވަގުތުތަކެއްގައި ރޭސިންތައް ކުރިއަށް ގެންދެވޭ ގޮތަށް އޮންނަ މަގުތަކެއްވެސް ހިމަނައިގެން ހުރިހާ މަގެއް ހައްދަވައިދެއްވާނެ ކަމަށެވެ.
ރޭސިން އަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ކުޅިވަރެކެވެ. އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ހުޅުމާލެ އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން އެހެން ބައެއް ރަށްރަށުގައި މިހާރު ވެސް ރޭސް ޖެހުމާއި ޑްރިފްޓިން ފަދަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.
އުތުރާއި ދެކުނު އަދި މާލޭ ސަރަހައްދުގައި ރޭސިންއަށް ހާއްސަަ ޓްރެކެއް ހައްދަވައިދެއްވަން މުއިއްޒު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

