ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުނިމި ދެވަނަބުރަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހަށް ކައިރިވީއެވެ. ފުރަތަމަ ބުރުގައި ވާދަކުރި ސިޔާސީ ޕާޓީތަކުން ވަރަށް ފޯރިއާ ޖޯޝުގައި ކެމްޕެއިން ކުރަމުންދިޔައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ސެޕްޓެމްބަރ މަހުގެ 30 ވަނަދުވަހުއެވެ. ދެވަނަބުރުގައި ތިބީ ދެ ކެންޑިޑޭޓުންނެވެ. އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެވެ.
ފުރަތަމަ ބުރާއި ހިލާފަށް ކެމްޕެއިން ކުރެއްވުމުގައި ކުރީގައި އުޅުއްވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
އެމްޑީޕީ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިން ނުރަސްމީ ކޮށްނަމަވެސް މީގެ ދެވަރަކަށް އަހަރުކުރިން ވަނީ ފަށާފައެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ނިންމައި ދިޔައީ ފާޅުގައި ބުނަމުންނެވެ.
އެހެންނަމަވެސް ކަންދިމާކުރި ގޮތާއި ހިލާފަށް، ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންތިހާބުގައި ވާދާކުރުމުގެ ފުރުސަތު ޝަރުއީ މަރުހަލާގެ ތެރެއިންވެސް ލިބޭގޮތެއްނުވީއެވެ. ޕީޕީއެމުން ތިބީ ގޮތްދޫކުރާގޮތަކަށް ނޫންކަން އެނގިގެން ދިޔައެވެ. ޖެހިގެންއައި ދުވަހު ރިޔާސީ ޕްރައިމަރީއެއް ބާއްވައި ކެންޑިޑޭޓްއަކު ފައިނަލް ކޮށް އިންތިހާބުގެ ކެމްޕެއިން ފެށިއެވެ.
އިދިކޮޅުން މިހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރަމުންދިޔަ އިރުވެސް އެމްޑީޕީން ދިޔައީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ކެމްޕެއިން ކޮށް ދަތުރުތައް ކުރަމުންނެވެ.
ތެދެކެވެ. އިންތިހާބުގެ ފުރަތަަމަ ބުރުގައި ދަތުރުކުރުމުގައި އެންމެ ކުރީގައި އުޅުއްވަނީ ރައީސް ސޯލިހު އެވެ. މިކަމާ ކޮންމެހެން ދެބަސްވާކަށް ނުޖެހެއެވެ.
ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންނުކުރާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ. މިއީ ދަތުރު ކުރުމުގައި ކުރިލިބޭނެ ކަމެއްކަމުގައި ބަލަމާހިގާށެވެ.
މިއާއި ހިލާފަށް ދެވަނަބުރުން ފެނިގެންދިޔައީ އާދަޔާ ހިލާފު ތަފާތު ކަމެކެވެ. އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ފުރަތަމަ ބުރު ރައީސް ސޯލިހު މާނަކުރެއްވީ ފުޓްބޯޅަ މެޗެއްގެ ފުރަތަމަ ހާފްގެ ގޮތުގައެވެ. ބަލިވެއްޖެ ކަން ގަބޫލުފުޅު ކުރައްވައި ހެދިފައިވާ ގޯސްތައް ދެނެގަނެވެވިއްޖެ ކަން އިއުލާންކުރެއްވިއެވެ. އިންތިހާބުގެ ބައެއް ޒިންމާ ހަވާލު ކުރެވިފައިވާ ފަރާތްތަކުގެ އިހުމާލު ހުރިކަން އަމިއްލަފުޅަށް ގަބޫލުކޮށް ދެވަނަބުރުގައިި އިތުރު ގޯލްތަކެއް ޖަހާނެކަން ބާރުބާރަށް އިއުލާން ކުރެއްވިއެވެ.
ކަންދިމާކުރީ މިއާއި މުޅިން ހިލާފަށެވެ. ދެވަނބުރުގެ ވޯޓުލުމަށް 7 ދުވަހަށް ކައިރިވީއެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު 10 ދުވަހުން 50 ރަށަށް ވަޑައިގަންނަވައިފި އެވެ. މި 10 ދުވަހުގެ ތެރޭގައި މާލެއައިސް ޑޯޓުޑޯ ޖައްސައި ކެމްޕެއިން ޖަގަހަތަކެއް ވެސް ހުޅުވައިފިއެވެ.
މިއާއި މުޅިން ހިލާފެވެ. ރައީސް ސޯލިހު އަދިވެސް ހުންނެވީ މާލޭގައެވެ. ކުރިން އިއުލާން ކުރެއްވީ މައްސަލަތައް ދެނެގަނެ، ކުރިއަށް ވުރެ ބާރަށް ދުއްވައިގަންނާނެ ވާހަކައެވެ. މާގަދަކޮށް ނިކުމެތިބި ވާހަކައެވެ. އިތުރު ގޯލްތަކެއް ޖަހައި ދެވަނަ ހާފުން މާމޮޅު ވާނެ ވާހާކާއެވެ. މިހާރު މިއީ ތޯތޯ ހިޔާލީ ވާހަކައެއްކަން ގަބޫލު ކުރެވެން ފަށައިފިއެވެ. ދައުލަތަކާއި ވެރިކަމެއް، ނުފޫޒާއި އާރާއި ބާރު، ހިތަށް އަރާކޮންމެ އެއްޗަކީ ވައުދަކަށްވެ، ތެޅިފޮޅެނީއޭ ހިތަށްއަރާ ކަހަލައެވެ.
ރާއްޖެ މިއަދު މިއޮތީ ބަދަލަކަށް އަތުކުރި އޮޅާލައިގެންނެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. އެމްޑީޕީގެ ކެމްޕެއިން ވަޅޯވެ ކުރިއަށް ދާންވީ ކޮންމަގެއް ކަން ނޭގި ތިބުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެމަންޒަރު އެމްޑީޕީގެ އެކިއެކި ހަރަކާތްތަކުންނާއި އަތޮޅު ތެރޭގެ ޖަގަހަތަކުން އެދަނީ ފެންނަމުންނެވެ. މަންޒަރު ރަނގަޅަށް ފެންނާނީ ހަމަލޮލުން ބެލީމައެވެ. ލައްކަ ފޮޓޯއެއް ޝޯޝަލް މީޑިޔާ ގައި ދައުރުވިޔަސް ފަރުދާގެ ފުރަގަހުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.

