ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓް ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށްފަހު ޖުމްލަ ބާރަ ފޮށި އިތުރުވި ކަމަށެވެ. ފުރަތަމަ ބުރުގައި ޖުމްލަ ބެހެއްޓީ 574 ވޯޓް ފޮށްޓެވެ. އަދި އިތުރުވި ބާރަ ފޮށްޓާއެކު ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓުފޮށި ބަހައްޓާނެ ކަމަށް އސީން ވަނީ ހާމަކޮށްފައެވެ.
ދެވަނަ ބުރުގައި އިތުރުވީ މާލޭގައި 4 ވޯޓް ފޮށި، ހުޅުމާލެ ފޭސް އެކެއްގައި 2 ފޮށި، ހުޅުމާލެ ފޭސް ދޭއްގައި 4 ފޮށި، ވިލިމާލޭގައި 1 ފޮށި އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި 1 ފޮށި ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލާއިރު ކުދި ޖާގަތަކުގައި ހުރި 43 ފޮށްޓެއް، ޖާގަ ތަނަވަސް އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.
ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސަރަހައްދުގައި 176 ފޮށި ވަނީ ބަހައްޓާފައެވެ. އެއީ
- މާލޭގައި 142 ފޮށި
- ހުޅުމާލޭގައި 27
- ވިލިމާލޭގައި 7 ވޯޓު ފޮށި،
އަތޮޅުތަކާއި ސިޓީތަކުގައި 319 ވޯޓު ފޮށި ބެހެއްޓިއިރު، ޖަލުތަކުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި ސިނާއީ ސަރަހައްދުތަކުގައި 1 ވޯޓު ފޮށި ބެހެއްޓިއިރު ރިސޯޓްތަކުގައި 65 ވޯޓު ފޮށްޓާއި، ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

