ގދ. ތިނަދޫގައި އަޅާފައިވާ ފްލެޓް ތަކުގެ ތެރެއިން ޙަވާލު ނުވެ ހުރި ފްލެޓްތައް ޙަވާލު ކުރުމަށް މި މަހު 8 ވަނަ ދުވަހު ނެގި ގުރުއަތުން ދެވުނު ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ތިނަދޫ ކައުންސިލުން އަނބުރާ އަތުލައިފިއެވެ.
ތިނަދޫގައި އަޅާފައިވާ 120 ފްލެޓްގެ ތެރެއިން ޙަވާލު ނުކޮށް ބާކީ ހުރީ 15 ފްލެޓް ހަވާލުކުރުމަށް ބޭއްވި ގުރުއަތުލުމަށް ފަހު އެ ފްލެޓް ލިބުނުފަރާތުގެ އަތުން ފްލެޓް ކައުންސިލުން އަނބުރާ އަތުލާފައިވަނީ މިއަދުއެވެ.
މިކަމާއި ގުޅިގެން “ހުވަދޫ ނިއުސް” އިން ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު ޢަލީ އަށް ގުޅާލުމުން، ރައީސް ސަޢުދު ވިދާޅުވީ އެ ފްލެޓް އަތުލާފައިވަނީ އިދާރީ އޮޅުމަކުން ދޫކުރެވުނު ފްލެޓަކަށް ވުމުން ކަމަށެވެ. އަދި އެއީ ޝަރުތު ފުރިހަމަވެ، ގުރުއަތަކާއި ނުލާ ފްލެޓް ލިބެންޖެހޭ ފަރާތެއް އިދާރީ އޮޅުމެއްގެ ސަބަބުން އެ ލިސްޓުގައި ހިމެނިފައި ނެތުމުން ގުރުއަތުން ދޫކުރެވުނު ފްލެޓެއް ކަމަށްވެސް ތިނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ސައުދު އިތުރަށް ވިދާޅުވީ، ފްލެޓް ހައްގުވާ ފަރާތަށް ފްލެޓް ނުލިބި އެހެން ފަރާތަކަށް ފްލެޓެއް ލިބުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށާއި، އިދާރީ އޮޅުމުގެ ސަބަބުން ދިމާވި މައްސަލައަށް މައާފަށް އެދޭ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ އިދާރީ ގޮތުން ދިމާވި މައްސަލަ ބަލަމުން ދާކަމަށާއި، މިއަދުގެ ވަގުތެއްގައި ފްލެޓު ދެވުނު ފަރާތުގެ އަތުން ފްލެޓް އަތުލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވިދާޅުވިއެވެ.
ތިނަދޫ ގައި ޗައިނާ ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން އަޅާފައިވާ 120ގެ ތެރެއިން 105 ފްލެޓްވަނީ އޭގެ ވެރި ފަރާތްތަކާ ޙަވާލު ކޮށްފައެވެ. އަދި ބާކީ ޙަވާލުނުކުރެވި ހުރި 15 ފްލެޓަށް ޖުމްލަ 310 ފަރާތަކުން ވަނީ ތިނަދޫ ކައުންސިލަށް ފޯމު ހުށަހަޅާފައިއެވެ. ބަކީ ހުރި ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި މި މަހު 8 ވަނަ ދުވަހުގެ ރޭ ވަނީ ތިނަދޫ ކައުންސިލް އިދާރާގައި ގުރުއަތުލުން ބާއްވާފައެވެ.

