ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް ދަ ޑިމޮކްރެޓްސްގެ އެޓޯލް ކޯޑިނޭޓަރުންނާއި ގިނަ ޢަދަދެއްގެ މެންބަރުން ނިންމައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭން އޮފީހުގައި މިރޭ، ވަނީ ޑރ. މުޢިއްޒުގެ ރަނިންގމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު (ސެމްބެ)އާއި އަދި ޕީޕީއެމް/ޕީއެންއެންސީގެ އިސްބޭފުޅުން ހިމެނޭގޮތަށް ޑިމޮކްރެޓްސްގެ ކެމްޕޭންގައި އިސްކޮށް އުޅުނު ޓީމާއެކު ނުރަސްމީކޮށް ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 15 ހާހަށްވުރެ ގިނަވޯޓު ވަނީ ލިބިފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާޢީދު ނުކުރާން ޑިމޮކްރެޓްސްއިން ނިންމި ނަމަވެސް، އެޕާޓީގެ ގިނަޢަދަދެއްގެ އެކްޓިވިސްޓުންނާއި އަދި ޕާޓީގެ އިސް ބޭފުޅުންވެސް ގެންދަވަނީ، ވަރަށް ފާޅުގައި "އިބޫނޫންގޮތެއް" ހޯދަން ބޭނުންކަމަށް ގޮވަމުންނެވެ.

އެހެންނަމަވެސް މިރޭ ޑިމޮކްރެޓްސްގެ ކެމްޕޭން ޓީމުތަކުން ވަނީ ނުރަސްމީކޮށް މިކަމާ ގުޅޭ މަޝްވަރާތަކެއް ބާއްވައިފައެވެ.
އަދި އެ ބައްދަލުވުމުގައި ބައިވެރިވީ މެންބަރުން 98 ޕަސެންޓް ތާއީދާއެކު ނިންމާފައި ވަނީ "އިބޫނޫންގެތެއް" ހޯދުމަށް ވަރުގަދަ ކެމްޕޭނެއް ޖެއްސުމަށެވެ.

