ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރެއްވުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
ރައީސާއި ނަޝީދު ބައްދަލުކުރައްވަން ވަޑައިގެންފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
މިބައްދަލުވުމުގެ ތަފްސީލް އަދި ނުލިބުނު ނަމަވެސް، ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލް ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކުން އިލެކްޝަން ކޮމިޝަނަށް އަންގަވާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ.
އެ ގަރާރާ ގުޅިގެން އެ ކޮމިޝަނުން ޤާނޫނީ ލަފާ ހޯދުމަށް ފަހު، ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. އެކަމަކު އޭގެ ކުރިން ބައެއް ކަންކަން ސާފުކުރުމަށް ކޮމިޝަނުން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

