އެއް ޒަމާނެއްގައި ދިވެހިންގެ ފަރާތުން ވަރަށް ނާ ތަހުޒީބީ އަމަލު ތަކާއި އާދަ އާދަތައް ގިނަކަން އެވޭލާ ޒަމާނުގެ ލިޔުން ތަކުން އެނގެއެވެ. އޭރުގަ ހިނގާފަ ހުރި ކަންތަކާ ދިރިއުޅުނު ގޮތާ ޙާލަތުގެ ވާހަކަ މިޒަމާނުގައި އަޑު އަހައި ފިނަމަ ލަދުން ބޯ ހަލާކު ވެދެއެވެ. ކިރިޔާ ވެސް އެއްޗެއް ދަންނަ މީހަކު ކުރާ ކަމަކީ އެންމެން ޤަބޫލު ކޮށް އުޅުނު ވާހަކަ މިހާރު ގެ ކުޑަ ކުއްޖަކަށް އިވުނަސް ބޮޑު ޖޯކަކަށް ވެ އެވެ. ނަމަވެސް މިހާރު މިއީ ޒަމާނާ ޙާލަތެއް ނޫނެވެ. ރާއްޖޭގައި އޮތީ އެ ޘަޤާފަތެއް ވެސް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމު ތައް ފަދައިން މި ދިވެހި ރާއްޖެ ވެސް ވަނީ އެތައް ހާސް ދަރަޖަ އަކުން ތަހުޒީބާ ތަމައްދުނުވެ ތަޢުލީމާއި ޓެކްނޮލޮޖީ ގެ ގޮތުން ކުރިއަރާ ފައެވެ. ތަންދޮރު ފިލާފައިވާ ރައްޔިތުން މުޅި ޤައުމު ގައި ހިމެނި މިއަދު މިވަނީ ދުނިޔެ މުށު ތެރެއަށް ލާފައެވެ. ސްމާޓް ޑިވައިސް ތަކުން އެމީހަކު ހުރިތަނަކުން ކޮންމެ ކަމެއް ބަލައި ހޯދޭ ހޯދާ ދާނެގަނެވެއެވެ.
ޒަމާނަށް ކިތަންމެ ބަދަލެއް އަޔަސް ކޮންމެ ޒަމާނެއްގައި ވެސް މަކަރުވެރިންނާއި ޙީލަތްތެރިން ތިބެ އެވެ. އަދި ލިބިފައިވާ ތަޢުލީމާއި ކުރި އެރުމުން ނާޖާއިޒް ފައިދާ ނަގާ ބަޔަކު އަބަދުވެސް އުޅެއެވެ. އޮޅުވާލުމަކީ މާ މޮޅު ކަމެއް ކަމަށް ދެއްކިގެން އުމުރު ހުސްކޮށް ދާ މީހުން އަބަދުވެސް އުޅެ އެވެ. މި ޒަމާނުގެ ޙާލަތަށް ބަލާއިރު އެފަދަ މީހުން ގިނައީ ކޮމްޕިއުޓަރ ޓެކްނޮލޮޖީ ގެ ދާއިރާ ގައި ކަން ފާހަގަ ކުރެވެއެވެ. ފާޑު ފާޑުގެ ސްކެމް ތަކާއި ލިޔެ ކިޔުން އޮޅުވާލުމާއި ފޮޓޯ އާއި ވީޑިއޯ އެޑިޓް ކޮށް ޙަޤީޤަތް އޮޅުވާލުމުގައި ދިވެހިން ވެސް އުޅެނީ ވަރަށް ކުރީގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ހަމަ އެއާ އެކު އެފަދަ ކަންކަންތަކަށް ދިވެހިން ހޭލުންތެރި ވެފައިވާ މިންވަރަކީ ވެސް ފާހަގަ ކޮށްލެވޭ ކަމެކެވެ. ބޮޑެތި އޮޅުވައިލުންތައް ރޫޅާލައި އޭގެ ޙަޤީޤަތް ދެނެގަތުމަށް ދިވެހިން ފަރިތަ ކަމީ ޤައުމު ކުރި އަރައި ތަހުޒީބު ވެފައިވާ މިންވަރު އެނގޭ ކަމަކެވެ.
މި ދުވަސް ވަރަކީ ރިޔާސީ އިންތިޚާބު ގެ ފޯރިގަދަ ދުވަސްވަރު ކަމުން އިސްވެ ދެންނެވި ހާލަތު ގައި ޤައުމު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރު ވެފައެވެ. ސިޔާސީ މަންފާ އަށް އެއް ބަޔަކު ކަތިލުމަށް ކޮންމެ ދަރަޖަ އަކަށް ވެއްޓުމަކީ ދީނަށް ޤައުމަކަށް ދުނިޔެއަކަށް އާޚިރަތަކަށް ބެލުމެއް ނެތި ކުރަމުން އަންނަ ކަމެކެވެ. އެއްވެސް ކަމަކާ ނުބެހޭ މީހާގެ ޢިއްޒަތާއި އަބުރު ވެއްޔާ މޮޑެ ވުނަސް މައްސަލައެއް ނެތެވެ. ޢާއިލީ ގުޅުން ކެނޑި އާއިލާ ތައް ބިކަ ވިޔަސް އެންމެ ރަނގަޅެވެ. ފަރުވާލެއް ނެތެވެ. އެންޓި ކެމްޕެއިން ކުރުން އޮތީ ހައްދުން ނެއްޓިފައެވެ. މީގެ އެންމެ ސަޅި ކަމަކީ އެފަދަ އެންޓި ކެމްޕެއިން ތަކަށް ދިވެހި މުޖުތަމަޢު ހޭލުންތެރި ވެފައިވާ މިންވަރު ބޮޑު ކަމެއެ. މި ވަނީ ކޮން ކަމެއް ކަން އެނގޭ ކަމެވެ. އެންޓި ކެމްޕެއިން ކޮށް ގުނބޯ ހެއްދޭ ވަރަށް ވުރެ ދިވެހިން މިހާރު މާ ހުޝިޔާރު ވެފައިވާ ކަން އެނގޭ ކަމެވެ.

