ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާ ނިންމުމުގައި ދެމިތިބެ، ނިޒާމީ ވޯޓުގެ ކަންކަން އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށްފަހު ކުރުމަށް ރައީސް ނަޝީދާއި، ރައީސް ޞާލިހު މަޝްވަރާ ކުރައްވަފައިފިއެވެ.
ރައީސް ޞާލިހާއިއެކު ރައީސް އޮފީހުގައި ރައީސް ނަޝީދު ބޭއްވި ކުރު ބައްދަލުވުމުގައި ކުރެވުނު މަޝްވަރާ ތަކާއި ގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވީ މިބައްދަލުވުމުގައި ދެބޭފުޅުން ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުންނާއި، ސިޔާސީ އެކި ކަންކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށެވެ.
ކުރެވުނު މަޝްވަރާތަކުގެ ތަފްސީލަށް ނުދިޔަ ނަމަވެސް ރައީސް ވިދާޅުވީ ނިޒާމީ ވޯޓު ނެގުމައި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން އެވޯޓުގެ ވާހަކަ އިންތިޚާބަށްފަހު ދެއްކުމަށާއި މިވަގުތު އެވާހަކަ މަޑު ޖައްސާލަން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަޔަސް، ނިޒާމީ ވޯޓު އަންނަ މަހު ނެގުމަށް ކުރަންޖެހޭ މަސައްކަތް ކޮށްދެއްވުމަށް އިލެކްޝަންގައި ދަންނަވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް ވާހަކަ ދެކުވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްގެ ކައުންސިލުން ނިންމާފައިވާ ގޮތަށް އެބޭފުޅުން ތިއްބަވާނީ ނިއުޓްރަލްކޮށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކުން އިލެކްޝަން ކޮމިޝަނަށް އަންގަވާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ.
އެ ގަރާރާ ގުޅިގެން އެ ކޮމިޝަނުން ޤާނޫނީ ލަފާ ހޯދުމަށް ފަހު، ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. އެކަމަކު އޭގެ ކުރިން ބައެއް ކަންކަން ސާފުކުރުމަށް ކޮމިޝަނުން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

