ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޑިމޮކްރެޓްސް ނުވަތަ އެމަނިކުފާނުގެ ތާއީދު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެދިފައިނުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު އިވިގެން ދިޔައީ ދެ ރައީސުންގެ ކުއްލި ބައްދަލުވުމެއް ރައީސް އޮފީހުގައި ކުރިއަށް ގެންދެވުމަށް ރައީސް ނަޝީދު ވަޑައިގެންފައިވާ ކަމަށެވެ.
މާ ދިގުނުން މި ބައްދަލުވުން ނިންމައި މީޑިއާ ތަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މިއަދު މަޝްވަރާ ކުރެވުނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅިގެން ކަމަށެވެ. އަދި އިންތިހާބުގެ ދެވަނަބުރުގައި ރައީސް ނަޝީދު އަދި ޑިމޮކްރެޓުންގެ ތާއީދު ހޯއްދެވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު ދެ ރައީސުން ބައްދަލުކުރެއްވި އިރު ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ތާއީދު ހޯދުމާއި ގުޅޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ. އެވާހަކަ އެމަނިކުފާނަށްވެސް ފެނިވަޑައިގަތީ ނޫހަކުން ކަމަށެވެ.
ތާއީދު ހޯދުމުގެ ވާހާކާއެއް ރައީސް ސޯލިހު ނުދައްކަވާ. ނޫން ނޫން ނުދައްކަވާ. އަޅުގަނޑަށް ވެސް އެވާހަކަ ފެނުނީ ނޫހަކުން. އަޅުގަނޑު އެއްވެސް މީހަކަށް ތާއީދެއް ނުކުރަން. ހަމައެކަނި ތާއީދު ކުރީ އިލްޔާސް ލަބީބަށް” -ރައީސް ނަޝީދު-
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކުން އިލެކްޝަން ކޮމިޝަނަށް އަންގަވާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ.
އެ ގަރާރާ ގުޅިގެން އެ ކޮމިޝަނުން ޤާނޫނީ ލަފާ ހޯދުމަށް ފަހު، ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. އެކަމަކު އޭގެ ކުރިން ބައެއް ކަންކަން ސާފުކުރުމަށް ކޮމިޝަނުން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، މި ވޯޓު ނެގުމަށް އެ ކޮމިޝަނުން ތައްޔާރުކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ސާފުވާންޖެހޭ ބައެއް ކަންކަން އަދި އެބަހުރިކަމަށެވެ.
ހަބީބް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނަގާއިރު އެ ނަގަނީ ކޮން މަޢުޞޫއަކަށްކަން، އަދި ކުރަން ޖެހެނީ ކޮން ސުވާލެއްކަން އެ ކޮމިޝަނަށް ސާފުވާން ޖެހޭ ކަމަށެވެ. ނަމަވެސް، މަޖިލީހުން އެކަން ހިއްސާކޮށްފައި ނެތް ކަމަށް ހަބީބު ވިދާޅުވިއެވެ.
އިލެކްޝަންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ ކޮމިޝަންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން، މިފަދަ ވޯޓެއް ނަގާއިރު ކޮމިޝަނުން އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވިއެވެ.

