މިހާރު ވަމުންދާ ވައުދުތަކަކީ ބަޖެޓުގައި ފައިސާ ހުރެގެން ވާ ވައުދުތަކެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ދެއްކެވި ވާހަކައިގައެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ކޮންމެ ވެރިކަމެއް އޮތްކަމަށްވިޔަސް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވާ އެކަންކުރެއްވުމަށް ބާރުއަޅުއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބޭފުޅެއްކަމަށް ވުމުން، މިހާރު އިވެމުންދާ ވައުދުތަކާއި ސަރުކާރުން ކުއްލިއަކަށް ކުރިއަށް ގެންދާ ކަންތައްތަކަކީ މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަންތައްތަކެއް ނޫންކަމަށްވާއިރު، މިއިން ކަމަކާމެދު ވާހަކަފުޅެއް ދައްކަވާ އަޑު ނީވޭތީ، ބަރުލަމާނީ އެގްރިމެންޓަކަށް އައުމުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް މަޑުޖެހުނީތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިހުރެވޭތޯ ބައްލަވާކަމަށާއި އަދި އަބަދުވެސް އެމަސައްކަތް ކުރައްވާނެކަމަށެވެ.
“ސަރުކާރު ޖަވާބުދާރީ ކުރުމުގައި އަބަދުވެސް ދެމިހުރެވޭތޯ ބަލާނަން އަދި އެމަސައްކަތް ކުރާނަން،” ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިހާބަށް ނުކުމެ ވަޑައިގެން ތިއްބެވި ކެންޑިޑޭޓުން ވަރަށް ގިނަ ވައުދު ވަމުން، ވަރަށް ގިނަވާހަކަތައް ދައްކަވަމުން އެބަގެންދަވާ ކަމަށާއި، ރައްޔިތުންނަށްވެސް ގަބޫލު ކުރެވޭ ވާހަކަތަކާއި ނުކުރެވޭ ވާހަަތައް ހުންނާނެ ކަމަށެވެ. އަދި އެހެން ހަމަ ބޭފުޅަކު ވިދާޅުވާހާ ވާހަކައެއް ރައްޔިތުން ގަބޫލެއް ވެސް ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
“އިންތިހާބަށް ނުކުމެ ވަޑައިގެން ތިއްބެވި ކެންޑިޑޭޓުން ވައުދު ވަމުން އެބަގެންދަވާ، ވަރަށް ގިނަވާހަކަތައް ދައްކަވަމުން އެބަގެންދަވާ އެހެން ވިދާޅުވާހާ ވާހަކައެއް އަޅުގަނޑު ހިތުން ރައްޔިތުންނަށްވެސް ގަބޫލު ކުރެވޭ ވާހަކަތަކާއި ނުކުރެވޭ ވާހަަތައް ހުންނާނެ، ދެން އެހެން ހަމަ ބޭފުޅަކު ވިދާޅުވާހާ ވާހަކައެއް އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންވެސް ގަބޫލެއް ވެސް ނުކުރާނެ،” ރައީސް ނަޝީދު
ރައީސް ނަޝީދު ވަނީ ސަރުކާރުން ވަމުންދާ ވައުދުތަކާއި ކުރައްވަމުންގެންދަވާ ކަންކަަށް އަލިިއަޅުވާލައްވައި، އޭގެ ތެރެއިން ދޮށީއުމުރުގެ ޕެންޝަނަށް ބަދަލު ގެންނަން ނިންމަވާއިރު، އެއީ އަހަރަކަށް 336 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެފައެވެ. މިހާރު ހުށަހަޅަމުން އެދާ އެއްވެސް ކަމަކީ ބަޖެޓުގައި ހިމަނާފައިނުވާ ކަންތައްތަކެއްކަން ވެސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުގައިވެސް އެ މިންވަރު ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
“ހަތްދިހަ އަހަރުން ޕެންޝަން އުމުރު މައްޗަށް ޖެއްސުމާއި ނުވަތަ ދޮށީ އުމުރުގެ މީހުންނަށް ދެވޭ އެއްޗެއް އިތުރުކުރުމާއި މިހެންގޮސް މިބާވަތުގެ ބައިވަރު ބައިވަރު ވާހަކައެބަހުރި، އަޅުގަނޑުވެސް ބަލާލިއިރު 336 މިލިއަން އަޅުގަނޑަށް ހީވަނީ ދޮށީ އުމުރުގެ މީހުންގެ ޕެންޝަނަށް ބަދަލެއް ގެންނަންޏާ އަހަރަކަށް 336 މިލިއަން ރުފިޔާ، އެހެންވީމަ ތިވިދާޅުވާހެން އުނދަގޫތަކެއް ހުންނާނެ، އެފައިސާ ބަޖެޓް ކުރެވިފައެއް ނެތް، މިހާރު މިހުށަހެޅި އެއްވެސް ކަންތައްތަކަކަށް ބަޖެޓް ކަނޑައެޅިފައެއް ނެތް، އެހެންވީމަ އެކަންކަން ހިންގުމަށް އަދި ކޮމްޕްލިމެންޓަރީ ނުވަތަ މިނިސްޓަރީ އޮފް ފިނޭންސްގަ އޮންނަ ހާއްސަ ބަޖެޓުގައިވެސް ނެތް މި މިންވަރަކަށް، އެހެންވީމަ މީ ވިސްނާލަން ޖެހޭ ކަމެއްގެ ގޮތުގައ އަޅުގަނޑު ހިިތުން ހުރިހާ ބޭފުޅުންވެސް ގަބޫލުފުޅު ކުރައްވާނެ،” ރައީސް ނަޝީދު
ނަޝީދު ވިދާޅުވީ، ކުދި ބަޖެޓު ހުށަހެޅުމަކީ ވަރަށް ގިނަ ފަހަރަށް ފެންނަ ކަމެއްކަމަށެވެ. ރިޔާސީ އިންތިހާބުގެ ފަހުން ކޮންމެ ފަސްއަހަރަކުވެސް އަލަށް ވަޑައިގަންނަވާ ބޭފުޅަކު ބަޖެޓު އަލުން އަނބުރާލައްވާކަމަށާއި މިފަހަރުވެސް އެކަން އެހެން ވާނެކަމަށެވެ.
“އެހެންނަމަވެސް ކުދި ބަޖެޓު ހުށަހެޅޭވެސްމެ، ހަމަ ގިނަ ފަހަަރަށް ރިޔާސީ އިންތިހާބުގެ ފަހުން ކޮންމެ ފަސްއަހަރަކުވެސް އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި އަލަށް ވަޑައިގަންނަވާ ބޭފުޅަކު ބަޖެޓު އަލުން އަނބުރާ އަނބުރާލައްވާތަން، އެހެންވީމަ އެމަސައްކަތް އެގޮތަށް ދާނެ ކަމަށް އަޅުގަނޑު މިދެކެނީ،” ރައީސް ނަޝީދު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތު ކުޑަތަން ވަމުން އަންނަ މިދަނޑިވަޅުގައި، އަދިވެސް ސަރުކާރުން ދަނީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާ ކަމެއް އިތުރުކުރައްވަމުން، ވައުދުތަކާއި އަހުދުތައް ގިނަ ކުރަމުންނެވެ. ރައީސް ނަޝީދު ވިދާޅުވިހެން އަދި ކޮންމެ ވާހަކައެއް ދެއްކި ނަަމަވެސް ރައްޔިތުން އެހެން އިވޭހާ ވާހަކައެއް ގަބޫލު ނުކުރާނެއެވެ. އަދި ހަމަބުއްދި ހުރި ފަރާތެއްނަމަ ކަމުގެ ދެކޮޅު ހޯދާ ބެލުމެއް ނެތި ބުއްދި ގަބޫލު ނުކުރެވޭ ވަރުގެ ކަންތައްތަކާ އެއްބަހެއް ވެސް ނުވާނެއެވެ. ތަޖުރިބާ ކުރެވިފައި އޮތް ހިތިކަމެއް އަނެއްކާވެސް ތަޖުރިބާ ކުރަން އެކަކުވެސް ބޭނުންނުވާނެއެވެ.

