ފ. އަތޮޅު ބިލަތްދޫ ޑިމޮކްރެޓުން ވެސް ތިބީ އިބޫނޫންގޮތެއް ހޯދުމަށް ކަމަށާއި މި ވެރިކަން ބަދަލުވާންޖެހޭ ކަމަށް، ޝޯޝަލް މީޑިޔާ އެކްޓިވިސްޓް އަލީ ހާޝިމް ( ސްމިތް ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ އޮއިވަރު މުޅިން ބަދަލުވެ، އެމްޑީޕީ ދެފަޅިވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް ޕާޓީ ވަނީ އުފައްދަވާފައެވެ.
އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ވަނީ 15 ހާހަށްވުރެ ގިނަވޯޓު ހޯއްދަވައިފައެވެ.
ދެވަނަބުރުގައިި ޑިމޮކްރެޓުންގެ ތާއީދު އެމްޑީޕީ އަށް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް ޑިމޮކްރެޓުންގެ ކައުންސިލް ބައްދަލުވުމުން ނިންމާފައިވަނީ އިބޫ ނޫންގޮތެއް އިންތިހާބުގައި ހޯދުމެވެ.
އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކުގައި ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ މެމްބަރުންދަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ތާއީދުކުރަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ދެމެދު މައްސަލަ ޖެހިފައިވާ ދަނޑިވަޅެއްގައި އެދެބޭފުޅުން މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ރައީސް އޮފީހުގައި ބާއްވަވާފައެވެ.
ކުރެވުނު މަޝްވަރާތަކުގެ ތަފްސީލަށް ނުދިޔަ ނަމަވެސް ރައީސް ވިދާޅުވީ ނިޒާމީ ވޯޓު ނެގުމައި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން އެވޯޓުގެ ވާހަކަ އިންތިޚާބަށްފަހު ދެއްކުމަށާއި މިވަގުތު އެވާހަކަ މަޑު ޖައްސާލަން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަޔަސް، ނިޒާމީ ވޯޓު އަންނަ މަހު ނެގުމަށް ކުރަންޖެހޭ މަސައްކަތް ކޮށްދެއްވުމަށް އިލެކްޝަންގައި ދަންނަވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް ވާހަކަ ދެކުވުނު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްގެ ކައުންސިލުން ނިންމާފައިވާ ގޮތަށް އެބޭފުޅުން ތިއްބަވާނީ ނިއުޓްރަލްކޮށް ކަމަށެވެ.

