ތިނަދޫ ސިޓީގައި މީހުން އަރާ ފޭބުމަށް ރަސްމީ ކޮށް ބޭނުން ކުރާ ހަމައެކަނި ފާލަން އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭ ގޮތަށް މިއަދު ބަންދު ކޮއްފިއެވެ.
އާންމު އިޢުލާނެއް އަދި ނޯޓިސް އެއް ކުރުމަކާއި ނުލާ ތިނަދޫ ގެ ފާލަން ދާ ޖަހައި ބަންދު ކުރުމުން އެކަމާ ގުޅިގެން ތިނަދޫ ސިޓީގެ ކައުނަސިލް ރައީސް ސައުދު ޢަލީ އަށް ގުޅާލުމުން ވިދާޅުވީ ފާލަން ބަންދު ކުރީ މަރާމާތު ކުރުމަށް ކަމަށާއި އެކަން ކުރަން ފެށުމަށް އަސްލު، ރޭވިފައި އޮތީ ހުސްވި ހަފްތާގައި ނަމަވެސް މަސައްކަތް ކުރާ އެމްޓީސީސީ އަށް ވަޤުތު ނުވެގެން ނުފެށި ލަސްވީ ކަމަށެވެ.
އެ ޙާލަތާ ގުޅިގެން ކުރަން ޖެހޭ އާންމު އިޢުލާން އަދި ނޯޓިސް އިރުކޮޅަކުން ކުރާނެ ކަމަށް ވެސް ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސިޓީގެ ރައީސް ސައުދު ވިދާޅުވިއެވެ.
މަރާމާތު ކުރުމަށް ބުނެ ތިނަދޫ ރަސްމީ ފާލަން ބަންދު ކުރި އިރު މި މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ގައި ވާދަ ކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޑރ މުއިއްޒު މާދަމާ މެންދުރުގެ ވަގުތެއްގައި ތިނަދޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިދިކޮޅު ސިޔާސީ ފަރާތަކުން ބުނަމުން ދަނީ ތިނަދޫ ފާލަން ބަންދު ކުރުމާއި ޕީޕީއެމް ޕީއެންސީ އިން ޖަލްސާ ބޭއްވި މާވައްދެހަރޭމަިއިދާން ގެ ތެރެއަށް ފަސް ފުނި ތަކެއް ޖަހާ މަރާމާތު މަސައްކަތް ކުރުމަށް ކަމަށް ބުނެ ތިނަދޫ ކައުނަސިލުން ކުރަމުން ގެންދާ ކަން ކަމަކީ ގަސްތުގައި ޑރ މުއިއްޒު ކެމްޕެއިނަށް ހުރަސް އެޅުމަށް ނުވަތަ ޖެއްސުން ކުރުމަށް ކުރަމުން ގެންދާ ކަންތައްތައް ކަމަށެވެ.
ނަމަވެސް ތިނަދޫ ކައުނަސިލުން ބުނަނީ އެފަދަ އެއްވެސް ކަމެއް އެ ނިޔަތުގައި ނުކުރާ ކަމަށެވެ.
ތިނަދޫ ސިޓީ ކައުންސިލުން ރަށުގެ ފާލަން ބަންދު ކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ތިނަދޫ ސިޓީގައި އަރައި ފޭބުމަށް ބޭނުންކުރާ ރަސްމީ ފާލަން، ކަޅުދާ ޖަހައި ބަންދުކުރުމުން ގިނަ ދަތިތަކާއި ކުރިމަތިވޭ/ފޮޓޯ: ހުވަދޫ މީޑިއާ
ސަރުކާރުން ހިންގާ މަސައްކަތް ތަކަކީ ވަރަށް ދިގުލާ ގޮތަށް ހިފަމުންދާ މަސައްކަތް ތަކެއް ކަމުން މި ފާލަން ވަކި މުއްދަތެއް ނެތި ބަންދު ކޮއްލުމުން އެތަން ބޭނުން ކުރާ ލޯންޗް ފަހަރު ތަކަށް އަދި ރަށަށް އަރާ ފައިބާ މީހުންނަށް ވަރަށް ބޮޑެތި އުނދަގޫ ތަކާ ކުރިމަތި ލާން ޖެހޭނެ ކަމަށާއި ޚާއްޞަކޮށް އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް މިއީ ކުރަން ހެޔޮވަރު ކަމެއް ނޫން ކަމަށް ލޯންޗު ދުއްވާ ފަރާތްތަކުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބެ ބުނެއެވެ.
ތިނަދޫ ފާލަމަކީ ދުވާލަކު 8 ވަރަކަށް ފްލައިޓަށް މީހުން ދަތުރު ކުރުމަށް ބޭނުން ކުރާ ހަމަ އެކަނި ފަަލަމެވެ.

