ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ހަމަނުވެގެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ހަމަޖެއްސުމަށްފަހު މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ޖަލްސާ ނުބޭއްވުމުން، މެޖޯރިޓީ ޕާޓީ އެމްޑީޕީއާ މަޝްވަރާ ކުރުމަށްފަހު، ނިންމެވީ މާދަމާ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މަޖިލިސް ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމަކީ 22 މެންބަރުންނެވެ. ނަމަވެސް މިއަދުގެ ޖަލްސާ ފަށަންޖެހޭ ކަމަށްވާ 9:00 ވެގެން ދިޔައިރުވެސް ކޯރަމް ހަމަވާ އަދަދަށް މެންބަރުން ވަޑައެއް ނުގަންނަވައެވެ.ން
އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ ކޯރަމް ހަމަކުރުމަށް އިތުރު ދެ މެންބަރުން ބޭނުންވާ ކަމަށެވެ. އެއީ މާލަމުގައި އެވަގުތު 20 މެންބަރުން ތިއްބެވުމުންނެވެ. ނަމަވެސް ކޯރަމް ހަމަވޭތޯ އިރުކޮޅަކު ބެއްލެވުމަށްފަހު، ކޯރަމް ހަމަނުވާނަމަ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރަންހުރި މަސައްކަތް ދޫކޮށްލަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ކޯރަމް ހަމަވޭތޯ އިރުކޮޅެއް ބެއްލެވުމަށްފަހު، މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމަވައި މަޖިލިސް ރައީސް މާދަމާގެ ޖަލްސާ ބާއްވަން މަސައްކަތް ކުރައްވާނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީއާ މަޝްވަރާ ކުރެއްވުމަށްފަހު އެ ޕާޓީގެ މެންބަރުންނަށް މަޖިލީހަށް ވަޑައިގަންނަވަންޏާ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނަގަން ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ، ވޯޓު ކަރުދާހުގައި ރައްޔިތުންނާ ކުރަން ހިމަނަންޖެހޭ ސުވާލުގެ އިބާރާތް ކަނޑައެޅުމެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. ގަރާރެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

