ދިޔަރެސް ނޫހުން ކުރަނީ ގައުމީ މަސައްކަތެއް ކަމަށާއި، އެންމެ ތަންފުކެއްވެސް ދޫދީގެން ނުވާނެ ކަމަށާއި، މިވެރިކަން ނިމެނީ ކަމަށް ރައީސް ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
ޑިމޮކްރެޓްސްއިން މިހެން ބުނެފައިމިވަނީ އުތުރު ތިލަފަޅުގެ މައްސަލަައިގައި ދިޔަރެސް ނޫހާއި ދެކޮޅަށް މައްސަލަ މައްސަލަ ހުށަހަޅާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
އެމްއެންޑީއެފްގެ ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ދިޔަރެސް ނޫހުގެ ނޫސްވެރިން އަރަން މަސައްކަތް ކުރުމާއި ގުޅިގެން އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އުތުރު ތިލަފަޅުގައި އެމްއެންޑީއެފްއިން ތަރައްގީ ކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކާލުމަށް ވަރަށްފަހުންވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައި ވަނިކޮށް،، ހުއްދަ ހޯދުމެއް ނެތި އެރަށަށް އަރަން އުޅުމަކީ ގާނޫނާއި ގަވާއިދާ ޚިލާފު، ސިފައިންގެ ވާޖިބުތަކާ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކަށް އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމުގައެވެ.
މިކަމާއި ގުޅިގެން ޑިމޮކްރެޓްސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކަށްވުރެ ދިޔަރެސް ނޫސްގެ ވެއިޓް ބޮޑު ކަމަށާއި ސަރުކާރުން އަބަދުވެސް އުޅެން މިޖެހެނީ ދިޔަރެސް ނޫހާހެދި ސަލާމަތްނުވެވިގެން ކަމަށެވެ. ތިކުރަނީ ގައުމީ މަސައްކަތެއް ކަމަށާއި އެންމެ ތަންފުކެއްވެސް ދޫދީގެންނުވާނެ ކަމަށެވެ. އަދި ބާކީ އޮތީ 5 ދުވަސް ކަމަށާއި ނިމެނީ ކަމަށެވެ.
ހުރިހާ ސިޔާސީ ޕާޓީ އަކަށްވުރެ ދިޔަރެސް ނޫހުގެ ވެއިޓް މާބޮޑު. ސަރުކާރުން އަބަދުވެސް އުޅެން މިޖެހެނީ ދިޔަރެސް ނޫހާހެދި ސަލާމަތްނުވެވިގެން. ތިކުރަނީ ގައުމީ މަސައްކަތެއް. އެންމެ ތަންފުކެއްވެސް ދޫދީގެންނުވާނެ. ބާކީ އޮތީ 5 ދުވަސް. ނިމެނީ- ދަ ޑިމޮކްރެޓްސް –
މިމައްސަލައާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ވަނީ އުތުރުތިލަފަޅުގައި އޮންނަ ސިފަވަރު ބަނދަރަށް ހުއްދަނެތި ވަދެ ވީޑިއޯކޮށް ވީޑިއޯ އާންމުކޮށްފައިވާތީއާއި، އެރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓްކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.
ހުއްދަ ހޯދުމެއް ނެތި އެރަށަށް އަރަން އުޅުމަކީ ގާނޫނާއި ގަވާއިދާއި ހިލާފު އަދި ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިނގާފައިވާ ދަށު ދަރަޖައިގެ އަމަލެއްް ކަަމަށް އެ ވުޒާރާއިން ނެރިފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުން މަނާ ތަންތަނެވެ. އަދި އެފަދަ ތަންތަނަށްހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަކި ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އުތުރުތިލަފަޅަށް އަރަން އުޅުނު ނޫސްވެރިންގެ މައްސަލަ ފުލުހުން ތަހްގީގު ކުރަން ފެށިއިރު އިއްޔެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިންޑިއާ ސިފައިން ތިބި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ސަރަހައްދުތައް ބަލަން ފުރުސަތު ހުޅުވާލާފައި އޮތް ކަމަށް ވިދާޅުވެފައެވެ.
އުތުރުތިލަފަޅުގައި ތަރައްގީ ކުރަމުން ގެންދާ މަޝްރޫއުއަކީ އިންޑިއާގެ އަސްކަރީ ބޭސްއެއް ހަދަން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެކަން ސަރުކާރުން ދޮގުކުރެއެވެ.

