އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމުން އެ މަގާމުތަކުން އެބޭފުޅުން ވަކިކޮށްފިއެވެ.
އިއްޔެ ހަވީރު ގަލޮޅު ކަންމަތީގައި ބޭއްވި ކަންމަތީ ޖަލްސާގައި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް ޑރ. މުއިއްޒަށް ތާއިދު ކުރައްވަން ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާއެކު، ޑރ. މުއިއްޒަށް ތާއިދު ކުރެއްވި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތައް ވަނީ މަގާމުން ވަކިކޮށްފައެވެ. ސަރުކާރުގެ މަގާމުތަކުން ވަކި ކުރެއްވިކަން ހާމަކޮށް ރައީސުލްހުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ދަ ޕްރެޒިޑެންޓް އޮފީސް އިބްރާހިމް ވަހީދު ސޮއި ކުރައްވާ ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސަށް ލިބިދޭ ބާރުގެ ދަށުން މަގާމުން ވަކި ކުރައްވާފައިވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.
މަގާމުން ވަކި ކުރި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި:
-
އިސްމާއިލް ރައޫފް(ސީނިއާ އެގްޒެކެޓުވް ޑިރެކްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
-
އަބްދުﷲ އަނީފް (ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
-
އަހްމަދު ޒިޔާން އަބްދުއް ރަހުމާން (ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
-
އަލީ ތޯއިފް (ސީނިއާ އެގްޒެކެޓުވް ޑިރެކްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
-
ޝިމާޒް އަލީ (ޑެޕިއުޓީ މިނިސްޓަރ)
އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއްގެ ތާއިދު ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވިއިރު، އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް އެމްއާރްއެމްއިން ވަނީ ނިންމައިފައެވެ.

