ޓްރެފިކް ގަވައިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ލުއިކޮށްދޭން އެދުމުގެ ފުރުސަތު މިއަދު ހުޅުވައިލިއިރު، މި ޖޫރިމަނާ މާފު ކުރެވޭނީ ފުލުހުން ހަދާފައިވާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށާއި ޓްރެފިކާ ގުޅޭ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، 17 ނޮވެންބަރު 2018 އިން ފެށިގެން މި މަހުގެ ފަހެއްގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މައާފުކުރެއްވުމަށް ރައީސް ނިންމަވާފައިވާތީ މިއަދުން ފެށިގެން އަންނަ މަހުގެ 25ގެ ނިޔަލަށް އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެ ކަމަށެވެ.
ޖޫރިމަނާ މައާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ފަރުމާކޮށް ކަނޑައަޅައި 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށްވެސް އެމިނިސްޓަރީން ވަނީ އަންގާފައެވެ.
ރައީސްގެ ނިންމެވުމާ ގުޅިގެން މައާފުކުރުމަށް ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭނީ ލައިސަންސް އާ ގުޅޭ ޖޫރިމަނާ އާއި ގަވާއިދާ ހިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ އާއި އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާ އާއި ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާއެވެ.

