އެމަނިކުފާނުގެ ވެރިކަމެއްގައި ކުރައްވާ މަސަައްކަތްތަކުގެ ނަތީޖާ ފުރަތަމަ ދުވަހުވެސް ފެނިގެންދާނެކަމަށާއި ބޭނުންވެލައްވަނީ އިހްލާސްތެރި ތެދުވެރި މަސައްކަތްތަކެއް ކުރައްވަންކަމަށާއި އަދި ގައުމަށްހަމަޖެހުމުގެ ނޭވާއެއް ލެވެން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރޭ ހައްދުން މަތީ ގަމުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒުގެ ވާހަކަފުޅު ފަށްޓަވަމުން ނިމުނު އިންތިހާބުގެ ފުރަތަމަބުރަކީ ލ. އަތޮޅު ގަމުން އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގެންނެވި ފަހަރުކަން ފާހަގަކުރައްވައި އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މުއިއްޒު ވިދާޅުބީ ތިރީސްވަނަ ދުވަހު މިނަގާ ވޯޓަކީ ގައުމީ ވޯޓެއް ކަމަށެވެ. މި ގައުމުގެ މިނިވަންކަން އޮތް ހިސާބަށް ބަލާއިރު އެ ދުވަހުގެ ނިންމުން ރަނގަޅަށް ނުނިންމައިފިނަމަ މިގައުމުގެ ކަންކަން ދާނީ އަތުނުޖެހޭ ހިސާބަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ގައުމުގެ މިނިވަންކަން މިއަދު މިއޮތީ ވަރަށް ނުރައްކާ ހިސާބެއްގައި. އަޅުގަނޑު މި ފަށައިގެން އުޅޭ ގައުމީ މަސައްކަތުގައި އެންމެން ގުޅިގެން ކުރިއަށް ދާތީ ވަރަށް އުފާވޭ. އަޅުގަނޑުގެ ބަހާ އަމަލާ ދިމާވާނެ،" މުއިއްޒުގެ ވާހަކައިގައި ވިދާޅުވިއެވެ.

މުއިއްޒު ގއ ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގެތެރެއިން…ފޮޓޯ:ޕީޕީއެމް
މުއިއްޒު ވިދާޅުވީ މުޅި ރާއްޖޭގެ ތަސައްވަރު ހާމަކޮށް މިދައްކާ ވާހަކަތަކަކީ އެކަންކަން ކުރެއްވުމަށް ދައްކަވާ ވާހަކަތަކެއް ކަމަށާއި އަމަލީ ގޮތުން ނަތީޖާ ނެރެދެއްވާނެކަމަށެވެ. އަދި މި އަމަލީ ނަތީޖާ ނެރުމަށް އެމަނިކުފާނު އެކުލަވާލައްވާނީ އިހުލާސްތެރިކަމާއި އެކު އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތަށް ކަންތައް ކުރައްވާނެ ޓީމެއްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ކެބިނެޓު އެކުލަވާލައްވާނީ ރައްޔިތުން ފަހުރުވެރިވާފަދަ، ގާބިލު އަދި އެމަނިކުފާނު އެދިވަޑައިގަންނަވާ ސްޕީޑުގައި ރެއާދުވާލު މަސައްކަތް ކުރެއްވޭނެފަދަ ބޭފުޅުން ހިމަނުއްވައިގެންކަމަށާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި ވެސް މިކަން އޮންނާނީ މިގޮތަށް ކަމަށެވެ.
"ކެބިނެޓަށް ނަގާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ބޭފުޅުން. ފަސްބައި ސާފު، ތައުލީމީ، ގާބިލް، އަޅުގަނޑު އެދޭ ސްޕީޑުގައި އެކަންކަން ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރެވޭ ފަދަ ބޭފުޅުން، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި ވެސް އެކަން އޮންނާނީ އެގޮތަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ހުޅުމާލޭގައި…ފޮޓޯ:ޕީޕީއެމް
މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްތަކުގެ ނަތީޖާ ފުރަތަމަ ދުވަހުން ފެށިގެންވެސް ފެންނާނެކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ އިހުލާސްތެރި، ތެދުވެރި މަސައްކަތްތަކެއް ކުރައްވަން ކަމަށާއި އެދިވަޑައިގަންނަވަނީ ފުރަތަމަ ދުވަހުން ފެށިގެން ނަތީޖާ ނެރެން ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންވެލައްވަނީ ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވެން ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މި އަންނަނީ ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމްކުރަން. ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނަން. ރައްޔިތުންނާއި ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިހާރު ސަރުކާރުގެ ކަމެއް ހާމަކުރަންވެއްޖެ ނަމަ އިގުތިސާދީ ދަތިތައް ކުރިމަތިވާކަމަށާއި އެއީ ހަގީގީ މިނިވަންކަމެއް ނޫން ކަމަށެވެ.
ރޭގެ ވާހަކައިގައި ލާމުގެ ރައްޔިތުން އިންތިހާބުގެ ފުރަތަމަ ބުރުގައި ދެއްވި ތާއީދަށް ޝުކުރު ދަންނަވައި އަދި ދެވަނަ ބުރުގައި އެއަށް ވުރެ ބޮޑު ތާއީދެއް ދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

