ތަނެއްގައި އަދި ނަންބޯޑެއް ބެހެއްޓުމަކުން ސިޓީއަކަށް ނުވާނެކަން ފާހަގަކުރައްވައި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ސިޓީއެއްގެ ދަރަޖަ ލިބޭ މިންވަރަށް ގދ. ތިނަދޫ ތަރައްގީކޮށް ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ދެކުނުގެ 4 އަތޮޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ގދ ތިނަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ބޮޑު ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.
ޖަލްސާގައި މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވި ވެރިކަމާ ހަވާލުވެވަޑައިގެންފިނަމަ، ތިނަދޫއަށް ގާނޫނީ ހަމަތަކުގެ މަތިން ސިޓީއެއްގެ ދަރަޖަ ދެއްވާނެކަން އިއުލާން ކުރައްވާފައި އޮއްވައި، ރައީސް ވަރަށް އަވަހަށް އެކަން ކޮށްދެއްވައިފި ކަމަށެވެ. އެކަމަކު، ތިނަދޫއަށް ސިޓީއެއްގެ ސިފަތަކެއް ނާންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ސިޓީއަކަށް ނަން ބޯޑު ބަދަލުވިޔަސް، އަދި ސިޓީއަކަށް ނުވާނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ދޭ ޔަގީންކަމަކީ އަމަލީ ގޮތުން ތަރައްގީގެ ގޮތުން ތިނަދޫ ސިޓީއަކަށް ހަދައި ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ތިނަދު އަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތިނަދޫ އަށް ސިޓީގެ ދަރަޖަ ދެއްވައިފައެވެ. އެ ނިންމެވުމާ އެކު، ރާއްޖޭގައި މިހާރު ފަސް ސިޓީ އެބައޮތެވެ. އެއީ ތިނަދޫގެ އިތުރުން އެއީ މާލެ، ކުޅުދުއްފުށި، ފުވައްމުލަކު އަދި އައްޑުއެވެ. އެކަމަކު، ތިނަދޫ އަށް އެކަށީގެންވާ ތަރައްގީއެއް ނުގެނެސް، ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ގދ ތިނަދޫގައި ބޭއްވި ޖަލްސާގައި –ފޮޓޯ:ޕީޕީއެމް
މުއިްޒު ވިދާޅުވީ ތިނަދޫ ރައްޔިތުން އެދޭ މުހިންމު ކަންތައްތަކުގެ ތެރެއިން ތިނަދޫއާއި، ކާޑެއްދުއާއި ދޭތެރޭގައި ބްރިޖެއް އެޅުމަކީ ކޮށްދެއްވާނެ ކަމެއްކަމަަށެވެ. އެކަން ކޮށްދޭނީ ކާޑެއްދޫ އެއާޕޯޓްވެސް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކޮށް ޒަމާނީ ހެޔޮ ބަދަލު ތަކާއި އެކުގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ތިނަދު އަށް ކުރައްވާނެ ކަންކަމުގެ ދިގު ލިސްޓެއް އިއުލާން ކުރައްވައިފައެވެ. މީގެތެރެއިން ގިނަ ކަންކަމަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު މުއިއްޒު ތިނަދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތަކެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގެ ތަފްސީލް މުއިއްޒު ވަނީ ދެއްވައިފައެވެ.
މުއިއްޒު ތިނަދޫއަށް ވެވަޑައިިގެންނެވި ބައެއް ވައުދުތައް:
- ހުރިހާ މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަަކަށް ހަދާދޭނަން
- ހިއްކިބުމުގައި ހުރިހާ އިންފްރާސްޓްރަކްޗާއެއް ގާއިމްކޮށް ތަރައްޤީީ ކޮށްދޭނަން
- 1،000 ހައުސިން ޔުނިޓް އަޅާދޭނަން
- ރޭސިން ޓްރެކެއް އަޅާދޭނަން
- ސްޕެޝަލް އިކޮނިކް ޒޯނެއް ގާއިމް ކޮށްދޭނަން
- ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހިދުމަތްތައް ގާއިމު ކޮށްދޭނަން
ތިނަދޫގައި ހިއްކާފައިވާ ބިމުގައި މަގުތައް ހަދައި، ހުރިހާ އިންފްރާސްޓްރަކްޗާއެއް ގާއިމު ކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި 1،000 ހައުސިން ޔުނިޓްގެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ އެއް ސަރަހައްދަކީ ހިއްކި ބިން ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ތިނަދޫގެ ރައްޔިތުންނަކީ ތަރައްގީއަށް ލޯބިކުރާ ތަރައްގީ ބޭނުންވާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށެވެ. ތިނަދޫ ރައްޔިތުން އެދޭ ތަރައްގީ ހާސިލް ކޮށްދެއްވުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވަރަށް އިހުލާސްތެރި ކަމާއިއެކު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

