ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ގދ. ތިނަދޫގައި 1،000 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓު، މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައެވެ.
އެ ހައުސިން ޔުނިޓްތައް އަޅުއްވާނީ ތިނަދޫގައި ހިއްކި ބިން ހިމެނޭ ގޮތަށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެކަމަކީ އާބާދީ އެއްފަސް ކުރުމުގެ ބޭނުމުގައި ކުރައްވާ ކަމެއް ކަމަށާއި އެ ހައުސިން ޔުނިޓްތައް ތިނަދޫ ރައްޔިތުންގެ އިތުރުން އެހެން ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އޭނާ އެންމެ އިސްކަމެއް ދެއްވަން ބޭނުންވަނީ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ގެނައުން ކަމަށެވެ.
ތިނަދޫ ސިޓީ އަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން ކީ ހޫނު މަރުހަބާ އަށް ޝުކުރު ދަންނަވައި މުއިއްޒު ވިދާޅުވީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެއްވި ތާއީދަށް ވެސް ޝުކުރު ދަންނަވާކަމަށެވެ.
ހަމައެހެންމެ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކާމިޔާބުކޮށް ދިނުމުގައި ތިނަދޫ ރައްޔިތުން އެހީތެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

