ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާ ގުޅިގެން އެކި މީޑިއާތަކުގައި ފަތުރަމުން، ދައްކަމުން ގެންދާ ޒާތީ ވާހަކަތަކަށް މުއިއްޒު މިރޭ ރައްދު ދެއްވައިފިއެވެ.
ރިޔާސީއިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނުހަނު ކައިރިވެފައިވާ ދަނޑިވަޅެއްގައި އެކި ގޮތްގޮތަށް އެމަނިކުފާނާމެދު ކުރައްވަމުން ގެންދަވާ ތުހުމަތުތަކަށް ރައްދުދެއްވައި، ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވަނީ ފުރިހަމަ ރައްދެއް ދެއްވާފައެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ އެމަނިކފާނާ ގުޅޭ ގޮތުން ވާދަވެރި ފަރާތްތަކުން އެފަދަ ވާހަކަ ދައްކަނީ ވާދަވެރިން ރައްޔިތުންނަށް ހުށަހަޅާނެ އެއްޗެއް ނެތުމުން ކަމަށެވެ. އަދި އެފަދަ ވާހަކަ ދައްކާ ބަޔަކު ފަލީހަތްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ދުވަހަކު ވެސް މީހަކަށް އަނިޔާވެރިވެފައި ނުވާނެ ކަމަށާއި މީހެއްގެ ހައްގަކަށް އަރައިގަނެފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ ފަރާތުން އެއްވެސް މީހަކަށް ދެރައެއް ދީފައި ނުވާނެ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ދުވަހަކުވެސް ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރި މީހެއް ނޫނޭ. ނުވެސް ކުރާނެމޭ. އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަތް މީހެއް ނޫނޭ، އަރައެއްނުވެސް ގަންނާނެމޭ. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި އަންނަނީ، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އަދި ކަންކުރާ ހަމައަކީވެސް ކޮންމެ ދުވަހަކު ގެއަށް ގޮސް އަރާމުގަ އަޅުގަނޑަށް ނިދާލެވެން ޖެހޭނޭ. ހިތަަށް ހިތްހަމަޖެހުން ލިބި، އެއްވެސް މީހެއްގެ ހައްގަކަށް އަޅުގަނޑު އަރައިނުގަންނަކަމުގެ ޔަގީންކަމާއެކީގައި،" ޑރ މުހައްމަދު މުއިއްޒު
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެ ރަށްތަކުގެ ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަޒީފާ އިން ނުކުރާނެ ކަމަށް ބުނުމުން އެ ވާހަކަތައް އެކި ގޮތްގޮތަށް ސަރުކާރަށް ނިސްބަތްވާ ބަޔަކު ދައްކަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އެ ވާހަކަތައް ރައްޔިތުން އަޑު ނޭހުމުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން މިހާރު ޒާތީ ގޮތުން އެމަނިކުފަނާ ދިމާކުރަން ފަށާފައިވާ ކަމަށެވެ.

ޑރމުއިއްޒު ފުވައްމުލަކަށް ވަޑައިގެންނެވުމުން އެސިޓީން މަރުހަބާ ދަންނަވަނީ—ފޮޓޯ:ޕީޕީއެމް
އަދިވެސް އިތުރަށް މުއިއްޒު ވިދާޅުވީ، އޭނާއާ ގުޅޭ ގޮތުން ކިތަންމެ ވަރަކަށް ދޮގު ވާހަކަ ދެއްކިޔަސް ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ނެތް ކަމަކަށް އަދި ރާއްޖޭގެ ކަނޑުން ބައެއް ނުގެއްލޭ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދު އަނދަވަޅަކަށް ނުވެއްޓޭ ކަމަކަށް ނުވާނެކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެކަންކަމާށް ދޭނެ ރައްދެއް ވެސް ނެތް ކަމަށާއި މާބޮޑު ފަރުވާލެއް އެކަންކަމަކަށް ނެތް ކަމަށެވެ. މުއިއްޒު ވިދާޅުވީ ކަނބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި ކުރިން ވެސް ވިދާޅުވި ފަދައިން ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން މައްސަލައެއް އޮތް ނަމަ ރަސްމީ އިދާރާތަކުން އެ މައްސަލައެއް ތަހުގީގު ކުރެވޭނެ ކަމަށާއި ނަމަވެސް އެކަމެއް ބައްލަވަން ޖެހޭނީ އިންސާފުވެރިކަމާއެކުގައި ކަމަށެވެ.
"އެއިރުން އެ ހަދާ ހުރިހާ ދޮގުތަކެއް މާ ރީތިކޮށް ފަލީހަތް ވެގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން މައްސަލައެއް އޮތް ނަމަ ރަސްމީ އިދާރާތަކުން އެ މައްސަލައެއް ތަހުގީގު ކުރެވޭނެ ކަމަށާއި ނަމަވެސް އެކަމެއް ބައްލަވަން ޖެހޭނީ އިންސާފުވެރިކަމާއެކުގައި ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގެ ޒިންމާ އާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހު ރައްޔިތުން ބޭނުންވާ ގޮތަށް ހާރިޖީ ސިޔާސަތު ބައްޓަންކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްޓަކައި މިގައުމުގެ މިނިވަންކަން ޔަގީންކޮށްދެއްވާނެކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ 1 އޮކްޓޯބަރ ގައި އަލިވިލޭނީ މިނިވަން ޖައްވަކަށް ކަމަށާއި ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރާ ލިބޭނެކަމަށްވެސް މުއިއްޒު ވަނީވިދާޅުވެފައެވެ.

