ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވި ބައެއް ކަންކަމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު އޮންނައިރު ރައީސް ސޯލިހް ގެންދަވަނީ ކެމްޕޭނުގައި ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. އަދި އިންތިހާބާ ދިމާކޮށް ރައީސް އިބްރާހިމް ވަނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަންނިންމައި ބައެއް ޖޫރިމަނާތައް މާފުކުރުމުގެ ނިންމުންތައް ނިންމަވައިފަ އެވެ.
އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކަކީ
– ސިޔާސީ ޕާޓީތަކުން ހުށަހެޅި ތިން މައްސަލައެއް.
– އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯއިން ހުށަހެޅި ހަތަރު މައްސަލަ.
– އަމިއްލަ ފަރުދުން ހުށަހެޅި 26 މައްސަލަ.
– ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅި 28 މައްސަލަ.
އޭގެ ތެރެއިން މިހާތަނަށް 29 މައްސަލައެއް ރަޖިސްޓްރީކޮށް ބަލަން ފަށާފައިވާ ކަމަށް އޭސީސީ އިން މިއަދު ވަނީ ބުނެފައެވެ. އޭސީސީން ބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި އިންތިހާބީ ރިޝްވަތާއި، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އެކި ވަސީލަތްތައް ބޭނުންކުރުމުގެ މައްސަލަތައް ހިމެނެ އެވެ. އެގޮތުން:
– އިންތިހާބާ ދިމާކޮށް ގަރާޖު ސިޓީ އުވާލައި ޓެކްސީ ރަޖިސްޓްރީ ކުރަން 10,000 ރުފިޔާގެ ފީއެއް ނަގަން ހަމަޖެއްސުން.
– އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކުރުން.
– ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކަނޑާލުން.
– ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއް ދިނުމަށް ނިންމުން.
– ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމަށް ނިންމުން.
– ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް ހިމެނޭ ކަމަށެވެ.
އޭސީސީން ބުނީ ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަތައް ތަހުގީގުކުރުމަށް ކުރަންޖެހޭ ކަންކަން ކޮމިޝަނުން ކުރަމުންގެންދާ ކަމަށެވެ. އޭސީސީ އިން މިހެން ބުނެފައިވާއިރު، މި ސަރުކާރުން ކޮރަޕްޝަން ހިންގާކަމަށް އެކި ފަރާތްތަކުން ބުނަމުންދާއިރު ވެސް އެކޮމިޝަން އޮތީ ޒިންމާ އަދާ ނުކޮށް މިހާދުވަސް ވީއިރު ބަހެއް ނުބުނެ ހަނުގައެވެ.

