އެމްޑީއޭއިން ސަރުކާރު ކޯލިޝަނުން ވަކިވާން ނިންމި ނިންމެވުމަކީ ރަނގަޅު ނިންމުމެއް ނޫންކަން ލަސްތަކެއްނުވެ އެބޭފުޅުންނަށް ފެންނާނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި މާލެއިން ބޭރަށް ފުރަތަމަ ފަހަރަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑަައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަަކައިގައެވެ.
އެމްޑީއޭގެ ނިންމެވުމަށް އިހުތިރާމް ކުރެއްވިކަމަށާއި އެހެންނަމަވެސް އެމްޑީއޭއިން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫންކަން ދާދި އަވަހަށް އެބޭފުޅުންނަށް އިހުސާސް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު އެ ބޭފުޅުންނަށް (އެމްޑީއޭ) އަށް ހެޔޮ ރަނގަޅު މުސްތަގުބަލަކަށްވެސް އެދެން. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އުންމީދުތައް ވަރަށް އުޖާލާއޭ. އެ ބޭފުޅުންގެ އެ ނިންމެވުން އަޅުގަނޑު ހިތުން އަދި އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ފަހުން ފެނިގެންދާތަންވެސް ލަސްތަކެއްނުވެ އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ” ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމްޑީއޭއިން ކޯލިޝަނުން ވަކިވުން ކުރީގެ މުހާވިރާއަކުންވެސް ސިފަކޮށްދެއްވައިފައެވެ. އެގޮތުން “އަންނަ އެއްޗެހީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދާ އެއްޗެހިވެސް ހުންނާނެ” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީއޭއަކީ، 2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެނައުމަށް ޕީޕީއެމާ އެއް ކޯލިޝަނެއްގައި އޮތް ޕާޓީއެކެވެ. އޭގެ ފަހުން 2018 ވަނަ އަހަރުވެސް އެ ޕާޓީން މަަސައްކަތްކޮށްފައި ވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށެވެ. ނަމަވެސް އެ ފަހަރު އެއްވެސް ޕާޓީއަކާ އެމްޑީއޭއިން ކޯލިޝަން ހަދާފައެއް ނުވެއެވެ.

