އިރާގުގެ އުތުރުގެ ނައިނީވާ ޕްރޮވިންސްގައި ބޭއްވުނު ވެޑިން ޕާޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 100އަށްވުރެ ގިނަ މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެެއްޖެއެވެ.
އިރާގުގެ ސިވިލް ޑިފެންސް އިން ބުނީ ފުރަތަމަ ރިޕޯޓްތަކުން ބުނާ ގޮތުގައި ވެޑިން ޕާޓީގައި އަލިފާނުގެ ހާދިސާ ހިނގީ ޕާޓީގައި އުފާފާޅު ކުރުމުގެ ތެރޭގައި، އެރުވި ހަވާ އާއި އުއްބައްތިތަކާއި އެހެނިހެން ސާމާނުތަކެއް ރޯވުމުގެ ސަބަބުންކަމަށެވެ.
އަލްޖަޒީރާގެ މަހްމޫދު އަބްދުލްވާހިދު ވިދާޅުވީ އިރާގުގައި ކައިވެނީގެ އުފާފާޅުކުރުމުގައި އާންމުކޮށް ހަވާއެރުވުމަކީ އާންމު ކަމެއް ކަމަށެވެ. އަލިފާން ރޯވިއިރު އެ އުފާފާޅުކުރުމުގައި ހާހެއްހާ މީހުން ތިބި ކަމަށްވެއެވެ. ހަބަރުތައް ބުނާގޮތުގައި، އެ އިމާރާތުގައި “ރަނގަޅު ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވުމުން އަލިފާންގަނޑު ވަނީ ކޮންޓްރޯލް ނުވެ ފެތުރިފައެވެ.
ކައިވެނީގެ ތެރޭގައި މީހަކު ނަގާފައިވާ ވީޑިއޯ އަކުން ހަވާ އެރުވުމުގެ ތެރޭގައި މަތީގައި ހުރި ޗާދަލިޔާއެއްގައި އަލިފާން ރޯވާ މަންޒަރު ސާފުކޮށް ފެނެއެވެ.
އޮފިޝަލުން ވަނީ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ބައެއް މީހުންގެ ހާލު ވަރަށް ގޯސް ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބުނެފައެވެ.
ހާދިސާގައި ކައިވެނި ކުރި ދެމަފިރިން ސަލާމަތްވި ނަމަވެސް އާއިލާގެ ގިނަ މެމްބަރުންތަކެއް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

