ވިހިތޭވީސް ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުމަށް ބަރާބަރު އެއްދުވަހަށް ވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
ހައިތަމްގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އެ ޕާޓީއާ އޭނާ ގުޅުނީ ރާއްޖެއަށް ހިދުމަތްކޮށް، ރައްޔިތުންގެ ކިބައިން ނިގުޅައި ގަނެވިފައިވާ އެތަކެއް ހައްގުތަކެއް ހޯދައިދިނުމަށްޓަކައި ފެށި އިންސާފުގެ ދަތުރުގެ ބައިވެރިއެއްގެ ގޮތުން ކަމަށެވެ. އަދި އޭނާ ޕާޓީގައި ހޭދަކުރި މުއްދަތުގައި، ވަފާތެރިކަމާއި އަމާނަތްތެރިކަމާއެކު ރައްޔިތުންގެ ހައްގު ހޯދައި ދިނުމަށް އެތަކެއް މަސައްކަތްތަކެއް މަޖިލީހުގައި ކުރެވިފައިވާނެ ކަމަށް އެ ސިޓީގައި ވެއެވެ.
އެގޮތުން އޭނާ ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިިރިއުޅެމުންދާ ބިދޭސީންގެ މައްސަލައާއި، ކޮވިޑް-19 ގައި ފެންމަތިވި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ އާއި އެންޑީއޭ އިސްލާހް ކުރުމުގެ މައްސަލަ އާއި، ރާއްޖޭގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ އަދި ނިޔާވަމުންދާ މައްސަލަ ފަހަގަކޮށްލެވެއެވެ.
ހައިތަމްގެ ސިޓީގައި ވިދާޅުވީ، މި މައްސަލަތަކަކީ ސީދާ ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ މުހިންމު ކަންތައްތަކަށް ވާއިރު، އަދި އެމްޑީޕީއަކީ ވެރިކަން ކުރާ ޕާޓީއަށްވެފައި މިކަންކަން އަހަންމިއްޔަތު ކަމެއް ދީގެން އެކަށީގެންވާ ހައްލެއް ހޯދުމަށް އޭނާއަށް ޕާޓީގެ ލީޑާޝިޕުން އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށެވެ.
“ވުމާއެކު އަޅުގަނޑު ގަބޫލު ކުރެވެނީ މި ޕާޓީއަށްވެސް އަދި އަޅުަގަނޑަށްވެސް އެންމެ ރަނގަޅު ގޮތަކީ، އަޅުގަނޑު ގަބޫލު ކުރެވޭ އުސޫލު ތަކެއްނެތް ޕާޓީއަކުން ވަކިވުމެވެ. ވީމާ އަޅުގަނޑު 26 ސެޕްޓެމްބަރު 2028 ގައި އެމްޑީޕީން ވަކިވެއްޖައީމެވެ.”.

