އައްޑޫ ސިޓީ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް ބަޔަކު ވަދެ، އޭނާ ބަނދެ ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު ފައިސާތަކެއް ފޭރިއްޖެ އެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް ވަދެ، އެ މީހާ ބަނުމަށްފަހު ފޭރުނު މައްސަލަ މިއަދު ހެދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ހާދިސާގައި އަނިޔާ ލިބިފައި ވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ ބަނދެފައި ވަނިކޮށް ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ވެފައި ވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

