ޖެންޑާ މިނިސްޓްރީ ޓެގްކޮށް މިއަދު އާންމުކުރި ވީޑިޔޯއެއްގައި މަންމަގެ ފަރާތުން އަނިޔާ ލިބެމުން ދިޔަ ކުޑަކުއްޖާ ރައްކާތެރި މާހައުލަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީއިން ބުނީ ކުޑަކުއްޖަކަށް ކުއްޖާގެ މަންމަ އަނިޔާކުރާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓަރީއިން ބުނީ ކުއްޖާގެ އާއިލާއިން ވަނީ އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށެވެ.
އެފަދަ ހާދިސާއެއް ފެނިއްޖެނަމަ ސޯޝަލް މީޑިއާގައި ވީޑިއޯ ނުވަތަ ފޮޓޯ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަށް އެކަން ޖެންޑާ މިނިސްޓްރީގެ ނަންބަރު 1412 ނުވަތަ ދިވެހި ފުލުހުންގެ ނަންބަރު 3322111 ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ޖެންޑާ މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާ ގެއިން ނުކުންނަ ވަގުތު ކުއްޖާގެ މަންމަ ކުއްޖާގެ ގައިގައި ޖަހާތަން ފެނެއެވެ. ލަފާކުރެވޭ ގޮތުގައި، ވީޑޔޯއިން ފެންނަފެނުމުގައި، އަމީނިއްޔާ ސުކޫލުގެ އެކްޓިވިޓީ ޔުނީފޯމުގައި ހުރި އެ ކުއްޖާ ގެއިން ނުކުންނަނީ ސްކޫލު ދަބަސް ހިފައިގެން ސުކޫލަށް ދިއުމަށެވެ.

