ރައީސް މައުމޫނުގެ ވެރިކަމުގައި އެމް ޓީ ސީ ސީ އިން ފެށި ލޯންޗް ފެރީ ނިޒާމަށް ފަހު ރައީސް ނަޝީދު ގެ ދައުރުގައި މުޅި ހުވަދު އަތޮޅު ވަށާ ޖެހޭ ގޮތަށް އަގު ހެޔޮކޮށް ދަތުރު ކުރެވޭނެ ފެރީ ނިޒާމެއް ޤާއިމު ކުރި އެވެ އެ އޭގެ ފަހުން ޒަމާނަށް ރީބްރޭންޑް ކޮށް ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ފެށީ 13 ޖުލައި 2023 ވީ ބުރާސްފަތި ދުވަހު އެވެ. ރާއްޖޭގެ އުތުރުން ފެށި މި ޚިދުމަތް ހުވަދު އަތޮޅަށް ތައާރަފުވެ ދިޔުމަކީ ކުރިން ފެށި ނިޒާމަށް ލިބުނު ކުރިއެރުމެކެވެ. ނަމަވެސް މި ބަދަލުގެ ތެރޭގައި ދަތުރު ގަޑީގައި ފަސޭހަ ކަމެއް ހުއްޓަސް އެ ދަތުރުވެރުނާއި ލޯންޗުން ބޭރު ނުވަތަ ދަތުރުގެ މަންޒިލް ތަކުގައި މަސައްކަތް ކުރާ އާރުޓީއެލް ގެ މުވައްޒަފުން ތިބީ ވަރަށް ބޮޑު ތަކުލީފެއްގެ ތެރޭގައި ކަން ފާހަގަ ކުރެވެއެވެ. ޚާއްސަކޮށް ސިޔާސީ ބޭނުމަކަށް ނަމެއްގައި ސިޓީ އެއްގެ ދަރަޖަ ދީފައިވާ ތިނަދޫ ގައެވެ.
ތިނަދޫ ސިޓީ އަށް އާރުޓީއެލްގެ ފެރީތައް ގާތް ކުރަނީ ތިނަދޫ އަށް ކާގޯ ބޯޓު ބަނދަރު ކުރުމަށް ޚާއްސަ ކުރި ޖެޓީއަށެވެ. ރަށުގެ ބަނދަރުން ދެ ފެރީ ބިތަށް ގާތް ކުރެވޭނެ ޖާގަ ލިބުނު ހަމައެކަނި ތަނަކީ ވެސް އެއީ ކަމަށް ވާތީއެވެ. ކޮންޓެއިނާ ތައް ބޭލުމަށް ޚާއްޞަ ކުރެވި ވަށާ ނަރުދާ ޖެހި ތަނަކަށް އެތަން ވިޔަސް ފެރީ ބަނދަރު ކުރަން އެއީ އެއްވަނަ ތަނެކެވެ. އަރާ ފައިބަން ވެސް އޯކޭ އެވެ.

އާރުޓީއެލް ތިނަދޫ ޖެޓީ ސަރަހައްދު. މި ތަނުގައި އާރުޓީއެލް ގެ މުވައްޒަފުންނާ ދަތުރުވެރިން އުޅެމުންދަނީ އެއްވެސް ހިޔަލެއް ނިވަލެއް ނެތި : ހުވަދޫ ފޮޓޯ ، އަޚްތަރު
މައްސަލަ އަކީ ފެރީ ތަކުން އަންނަ ފަސިންޖަރުން އެ ޖެޓީއަށް ފޭބުމަށް ފަހު ދެން އުޅެން ޖެހޭ ޙާލެވެ. ލަގޭޖާއި އެކު ފޭބުމަށް ފަހު ވާރެއަށް ވަންނާނޭ ބޮލު ހިޔަލެއް ނެތެވެ. ގެނައި ތަކެތި ވައްދާނެ ނިވަލެއް ނެތެވެ. ރަތްދަކަ އަވިން ފިހުނަސް ތުއްތު ދަރިފުޅާއި އެކު މަޑު ކޮށްލާނެ ތަނެއް އެ ތަނަކު ނެތެވެ. މީގެ އެންމެ ދެރަ ކަމަކީ އެއަރ ލައިނެއް ފަދައިން އޮޕަރޭޓް ކުރާ ފެރީގެ މުވައްޒަފުންނަނަށް ވެސް ހުރީ ހަމަ އެ ޙާލެވެ. ޗެކް އިން ޗެކް އައުޓްގެ ހުރިހާ ކަމެއް ކުރަން މަޖުބޫރު ކުރުވާ ފައި ވަނީ މި ބުނިހެން ވެހޭހާ ވާރެއަކާއި ދޭހާ އަވީގައެވެ. ކުޑަމިނުން ވަގުތީ ނިވަލަކާ ވަގުތީ ފާޚާނާ އެއް ހާ މިންވަރު ވެސް ނެތެވެ. ޖުމުލަ ކޮށް ބުނެދޭން މިއުޅެނީ އާރުޓީއެލް މި ޒަމާނީ ޚިދުމަތް ބޮޑު އަތޮޅެއްގައި ފެށި އިރު ފެންވަރު ރަނގަޅު ފެރީގިމަތައެއް ނުވަތަ ފެރީ ޓާމިނަލެއް ނެތް ވާހަކައެވެ.
"މިއީ މުޅި ހުވަދު އަތޮޅު ގެ މީހުން ދަތުރު ކުރުމަށް އޮތް ނިޒާމެއް. ރަނގަޅު. އުޅަނދު ބަރާބަރު. ފެންވަރު ވެސް ރަނގަޅު. އެކަމަކު ދަތުރު ކޮއްފަ ފައިބަން ޖެހެނީ ހަނަފަސް ސަހަރެއް ފަދަ ތަނަކަށް" ތިނަދޫ އިން ފުރުމަށް ގޮސް ހުރި އަންހެނަކު ބުންޏެވެ.
އެތަނުގައި ހުރި އެހެން މީހަކު ބުނީ މިއީ އަވަސް އަރުވައިގެން ވޯޓު ލާން ކައިރި ވީމާ ސިޔާސީ މަންފާ އަކަށް ފެށި ކަމުގައެވެ.އަދި މިއީ ރައްޔިތުންގެ އިހްސާސް ތައް ނުދަންނަ ވެރިން ހޮވީމާ ވާގޮތް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ކުރިން ތިނަދޫ އަށް ގާތް ކުރާ ތަނުގައި ކުޑަ ވިޔަސް ފެރީގިމަތަ އެއް ހުންނަ ކަމަށާއި ކައިރީގައި ރެސްޓޯރެންޓް ހުންނަ ކަމަށެވެ. ނަމަވެސް މިތާ މިކަން ފެށުން މީ ސަރުކާރުން ކުރި އުނދަގުލެއް ކަމަށް އޭނާ ބުނެއެވެ.

އާރުޓީއެލް ތިނަދޫ ޖެޓީ ސަރަހައްދު ގައި ހުރި ތަނެއް. މިތަން އެއީ އެ ސަރަހައްދުގައި ހުރި ފެރީ ޓާމިނަލް ކަމަށް ސިފަކޮށް މީސް މީޑިއާ ގައި ސަރުކާރަށް ފާޑު ކިޔުން ވަނީ އިތުރު ވެފައި. ފޮޓޯ :ސޯޝަލް މީޑިއާ
ސަރުކާރުން ވަނީ ހުވަދު އަތޮޅުގައި އާރުޓީއެލް ޚިދުމަތް ރަސްމީ ކޮށް ފެށި ކަން ދެއްކުމަށް ބޮޑު ޖަލްސާ އެއް ތިނަދޫގައި ބާއްވާފައެވެ. ނަމަވެސް ތިނަދޫ ސިޓީ ގައި ފެންވަރު ރަނގަޅު، ޖާގަ ބޮޑު އަދި މުވައްޒަފުންނާއި ދަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް ފެރީ ޓާމިނަލެއް ގާއިމް ކުރުމަށް އެއްވެސް ކަމެއް މިހާތަނަށް ކޮއްފައި ނުވެއެވެ

