މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން މަރުހަބާ ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވަނީ ރަސްގެފާނު އަދި ވަލީއަހުދުގެ ނަންފުޅުގައި މުއިއްޒަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވައިފައެވެ.
ސައުދީ ރަސްގެފާނާއި ވަލީއަހުދުގެ އިތުރުން ސައުދީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެޓްރެކް އަލް ދޮސާރީ ވެސް ވަނީ މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.
ދޮސާރީ އެކްސްގައި ވިދާޅުވީ މުއިއްޒަށް މަރުހަބާ ދެންނެވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރެއްވުމުގައި ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަފީރު ވަނީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކަކުން އަންނަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.
ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވައިފައެވެ.

