ފިރިހެންދަރިފުޅު މަރާލައި މަރުވެފައި އޮތް ކުއްޖާގެ ބޯ ފެނުކައްކައިގެން ކެއި ހަނާ މުހައްމަދު ހަސަން ހަރްތޫޝް ކޯޓުން ދޫކޮށްލައިފިއެވެ.
މި އަނިޔާވެރި އަމަލު ހިންގި 37 އަހަރުގެ ހަނާގެ ސިކުނޑީގެ މައްސަލައެެއް ހުރި ކަމަށް ދިރާސާ ކުރުމަށް އެކުލަވާލި ފަސްމެންބަރުންގެ ޑޮކްޓަރ ޓީމުން ހުށަހެޅި ރިޕޯޓުގައި ހަނާގެ ސިކުނޑީގެ ހާލަތު ވަރަށް ގޯސް ކަމަށް ވަނީ ބުނެފައެވެ.
މި ރިޕޯޓް ތައްޔާރު ކުރީ މިސްރުގެ ޒަގާޒީގް އަދި މަންސޫރާ ޔުނިވާސިޓީގެ ނަފްސާނީ ފަރުވާގެ ޕްރޮފެސަރުން ހިމެނޭ ޓީމަކުންނެވެ.
މި ޓީމުން ވަނީ ހަނާ ހަސަންގެ ލޭގެ ތަހުލީލުތައް ހަދައި ކިޑްނީއާއި ފުރަމެ މަސައްކަތް ކުރާ ގޮތް ދިރާސާކޮށްފައެވެ. އަދި އީއީޖީއާއި ސިކުނޑީގެ އެމްއާރްއައި އެއްވެސް ހަދާފައެވެ. މީގެ އިތުރުން އޭނާގެ އައިކިއު ޓެސްޓްތައް ހަދާފައި ވެއެވެ.
ދަރިފުޅުގެ ބޯ ފެނުކައްކައިގެން ކެއި ހަނާ ހަސަންގެ ރިޕޯޓުގައި ވާގޮތުގަައި، އޭނާއަކީ ނަފްސާނީ ބަލި މީހެއްކަމަށާއި ޝައްކު ބަލި ޖެހިފައިވާ މީހެކެވެ.
ހަނާގެ އެންމެ ބޮޑު ހާސްކަމަކީ އާއަބަދުމެ އޭނާގެ ކޮއްކޮގެ އަންހެނުންނާއި ބޮޑު ބޭބެގެ އަންހެނުން އޭނާއާއި އޭނާގެ ދަރިފުޅު މަރާލަން ސިހުރު ހަދާ ކަމަށް ހީކުރެވުމެވެ. ހާއްސަކޮށް ހަނާގެ ފިރިމީހާ އޭނާ ވަރި ކުރުމުގެ ކުރިން އޭނާއަށް ލިބިފައިވާ ގެވެށި އަނިޔާގެ ސަބަބުން ނަފްސާނީ ގޮތުން އޭނާއަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަމަށް ވެސް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.
ހަނާ ހަސަން އޭނާގެ ދަރިފުޅު ގޮވައިގެން އުޅުނީ ފަޅު ގެއެއްގައެވެ. ހަނާ ދަރިފުޅާއެކު ދިރިއުޅުނު ޖިފުޓިއަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ޑޮކްޓަރުންވެސް ވަނީ ބުނެފައެވެ.
ހަނާއަށް އޭނަގެ ދަރިފުޅު މަރާލައި ކައްކައިގެން ކެއުމަކީ، އަދި ހަށިގަނޑުގެ ބައިތައް ވަޅުލައި ހެދުމަށްފަހު ވެސް ކުށެއްކަން އިޙުސާސް ނުކުރެވޭ ކަމަށާއި އޭނާ ދެކެނީ އޭނާގެ ދަރިފުޅު އެނބުރި އަންނާނެ ކަމަށް ކަމަށްވެސް ޑޮކްޓަރުންގެ ރިޕޯޓުތަކުގައި ވެއެވެ.
ކޯޓަށް ހުށަހެޅި ލިޔުންތަކަށް ރިއާޔަތްކޮށް ޒަގާޒީގްގެ ކްރިމިނަލް ކޯޓުން 37 އަހަރުގެ ހަނާ މުހައްމަދު ހަސަން ހަތުރޫޝް ވަނީ ބަރީއަކޮށް ފަރުވާ ދިނުމަށް އަމުރުކޮށްފައެެވެ.

