ސޯޝަލް ސެންޓަރު މިހާރު ހުންނާނީ ފިނިކޮށްދެއްވާފައި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އިއްޔެ މަލާމާތުގެ ރާގަކަށް ވިންކް އޯޖީއަކާއެކު “ހަމަ ބުނެލީ” ކަމަށް ވިދާޅުވެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި މަހްލޫފް ވިދާޅުވެފައި ވަނީ ސޯޝަލް ސެންޓަރު މިހާރު ހުންނާނީ ބޮޑެތި އެއްވުންތައް ބޭއްވޭ ވަރަށް ފިނިކޮށްދީފައި ކަމަށެވެ. އަދި ޕޯސްޓަށް މަހްލޫފު ވަނީ “އަޅުގަނޑުގެ ހިއުމަރ އަންޑަސްޓޭންޑް ނުވާ ބޭފުޅުން ކޮމެންޓް ނުކުރެއްވިޔަސް އޯކޭ ވާނެ،” މިފަދައިން ވިދާޅުވެ ކޮމެންޓެއް ކުރައްވާފައެވެ.
މަހްލޫފް އެ އިޝާރާތް ކުރެއްވީ ޑރ. މުއިއްޒު ރައީސް ކަމަށް ހޮވުމުން އުފާ ފާޅުކުރުމުގެ ހަރަކާތަށް ސޯޝަލް ސެންޓަރު ހިޔާރުކޮށް ރޭ އެ ހަރަކާތް ސޯޝަލް ސެންޓަރުގައި ބާއްވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އޭސީ ކުރީ މިދިޔަ އަހަރު ބޭއްވި ސައުތު އޭސިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށެވެ.
މިކަމާ ގުޅިގެން، ޒުވާނުން ދަނީ އެމީހުން ބޭނުންވެ، ނުވެ ހުރި ކަންކަމުގެ ވާހަކަ “ހަމަ ބުނެލީ”ކަމަށް ބުނެ ހަނދާން ކޮށްދެމުންނެވެ.
އެގޮތުން، އިންޑޯ ބާސްކެޓް އެރީނާއާއި ގައުމީ ފުޓްސެލް ޓީމުގެ މުސާރަ އާއި ދަރަވަންދޫ ޓާފް ދަނޑު ނުހުޅުވޭ ވާހަކަ ފަދަ އެތައް ވާހަކައެއް އާއްމުން ފާހަގަ ކުރަން ފެށިއެވެ.
އެއް ބަޔަކު މަފުލޫފް ކަލަ ގޮވަނީ ކަމަށް ބުނެފައިވާއިރު، އަނެއް ބަޔަކު ބުނަނީއެ މަސައްކަތް ކުރީ ރައްޔިތުންގެ ފައިސާއިން ކަމަށެވެ. މަހުލޫފްގެ މި ޕޯސްޓާ ގުޅިގެން، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އަޅާފައި އޮންނާނެ ކަމަށްވެސް ބައެއް މީހުން ވަނީ ހަނދާންކޮށް ދީފައެވެ.

