ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި ދިވެހިން ވަރަށް އާންމުކޮށް ގޮސްއުޅޭ ސިއަމް ޕެރެގަން މޯލް ތެރޭގައި ބަޑިޖަހައި ތިންމީހަކު މަރައިލި ހާދިސާއާ ގުޅިގެން ދިވެއްސަކަށް އަނިޔާވިތޯ ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޕެރެގަން މޯލުގެ މިހާދިސާގައި ތިން މީހަކު މަރުވެ، އިތުރު ހަތަރު މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.
ހަބަރުތައް ބުނާގޮތުގައި ހަމަލާދީފައިވަނީ ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ސިއަމް ޕެރެގަން މޯލްގައި ދިން މި ހަމަލައާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓަރީން ވަނީ ބުނެފައެވެ. އަދި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް މިނިސްޓަރީން ވަނީ މައުލޫމާތު ދީފައެވެ.
“މިހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެންކޮކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެންދަނީ ބަލަމުން. އަދި ހާދިސާ ހިނގި ވަގުތު އެއްވެސް ދިވެއްސަކު އެ މޯލްގައި ތިބިތޯ ވެސް ދަނީ ބަލަމުން،” މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ މި ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާނަމަ އަދި އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ ވީއެންމެ އަވަހަކަށް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 ނުވަތަ ބެންކޮކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު 66611766502+ އަށް ގުޅުއްވުމަށް އެދިފައެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ހަމަލާދީފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެހާދިސާއާއި ގުޅިގެން ފުލުހުން މިހާރު ވަނީ އިއްޔެގެ ވަގުތެއްގައި އެކުއްޖާ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައިވާއިރު، މީސްމީޑިއާގައި ފުލުހުންގެ އޮފިސަރަކު އެ ކުއްޖާ ބިންމައްޗަށް ވައްޓައި ހައްޔަރު ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އަންނަނީ ދައުރުވަމުންނެވެ.
މިފޮޓޯގެ އިތުރުން ވެސް ހަމަލާދޭ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ވެސް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ކުދިބޮޑު އެންމެން ރައްކާތެރިކަން ހޯދުމަށް ދުވާ މަންޒަރު ފެނެއެވެ.
ތައިލޭންޑުގެ ބޮޑު ވަޒީރު، ސްރެތާ ތަވިސިން ބުނެފައިވަނީ ހާދިސާ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

