2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުއިއްޒު ކާމިޔާބު ކުރުމާއި ގުޅިގެން، އެމަގާމް ހުސްވުމުން ބާއްވާ ބައި އިލެކްޝަނުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވާދަކުރުމަށް ނިންމައިފި އެވެ.
މަހުލޫފް މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
މަހުލޫފް ވިދާޅުވީ 17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ.
މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
ޑރ މުހައްމަދު މުއިއްޒު އިންތިހާބު ވުމާއި ގުޅިގެން މާލެސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމް ހުސްވާނެއެވެ. އަދި 3 މަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަވައި މޭޔަރަކު އިންތިހާބު ކުރަން ވާނެއެވެ.
މަހުލޫފް އަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ޔޫތް މިނިސްޓަރެވެ.

