އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރައްވަން ފެއްޓެވި މައްސަކަތް ހުއްޓަވާލެއްވިކަން އެމަނިކުފާނު އިއުލާން ކުރައްވައިފިއެވެ.
ނަޝީދު މިކަން ހާމަކުރައްވާފައިވަނީ މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައެވެ. ބަރުލަމާނީ ނިޒާމުގެ މަސައްކަތް ހުއްޓަވާލެއްވިކަން ނަޝީދު މިއަދު އިއުލާން ކުރައްވާފައިވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި އަދި ރައީސް ސާލިހުގެވެސް އެނިޒާމަށް ތާއީދު ނުކުރައްވާނޭކަން ހާމަކުރައްވާފައި ވަނިކޮށެވެ.
އޭގެ އިތުރުން އަދާލަތު ޕާޓީންވެސް ބުނެފައިވަނީ ނިޒާމު ބަދަލު އެޕާޓީންވެސް ތާއީދު ނުކުރުމަށް ރޭ ނިންމާފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި، ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި ގަރާރެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފައި ވާކަމަށެވެ.
ބަރުލަމާނީ ވޯޓެއް ފަހުން ނެގުމަށް މުއިއްޒުގެ ތާއީދު އޮތްކަމަށް މޭރުން ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ރާގު ބަދަލުކޮށް، ބަރުލަމާނީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ނަޝީދު ހުއްޓަވާލެއްވީ އެކަމަށް ރާއްޖޭގެ ސިޔާސީ މަސްރަހުން އެއްވެސް ތާއީދެއްލިބިފައި ނުވަނިކޮށެވެ.
މިގޮތުން ވެރިކަމުގެ ނިޒާމް ބަދަލު ކުރަން އުޅުމަކީ އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާއި ދެކޮޅަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅުއްވާ ބަޢާވާތެއްގެ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ރޭ ވަނީ ސިފަ ކޮށްފައެވެ ރޭ ބޭއްވުނު އެޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ބައިވެރި 90 މެމްބަރުންވެސް ވޯޓު ދީފައިވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ދެކޮޅަށެވެ.

