އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، (ބްރިޓިޝް ހައި ކޮމިޝަނަރު) ކެރޮން ރޮސްލާއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މިއީ މަގާމަށް އިންތިހާބުވުމަށް ފަހު ޑރ. މުއިއްޒު ބޭރުގެ ސަފީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
މުއިއްޒުގެ އަމިއްލަ ގެކޮޅު، މާފަންނު ދިމްޔާތުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު(ސެމްބެ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިނގިރޭސި އެމްބަސީގެ އޮފިޝަލަކު ވެސް ސަފީރުގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް މި ބައްދަލުވިމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަތީ ތައުލީމު ހާސިލުކުރެއްވީވެސް އިނގިރޭސިވިލާތުގެ، ލަންޑަން ޔުނިވަސިޓީންނާއި ލީޑްސް ޔުނިވަސިޓީންނެވެ.

ސެޕްޓެމްބަރު 04: އިންތިހާބީ ރައީސް ޑރ މުއިއްޒު އިނގިރޭސި ސަފީރު ކެރޮން ރޮސްލާއާ ބައްދަލުކުރެއްވި ރަސްމިއްޔާތު — ފޮޓޯ/ ޕީޕީއެމް
ޑރ. މުއިއްޒުގެ ކާމިޔާބީ އެކަން ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބައްދަލުކުރައްވައި ދެއްކެވި ވާކަހަފުޅުގައިވެސް ހާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެ ސިޔާސަތު ގަބޫލުކުރާ ކޮންމެ ގައުމަކާ އެކުވެސް ގުޅުން އިތުރަށް ބަދަހިކުރައްވާނޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އަވަށްޓެރި އިންޑިޔާގެ ސަފީރު ވެސް ބައްދަލުކުރައްވަން އެދިވަޑައިގެންފައިވާކަން ހާމަކުރެއްވުމާއެކު އިންޑިއާ ސަފީރާ އެކު ވަރަށް އަވަހަށް ބައްދަލުކުރައްވާނޭ ކަމަށްވެސް ވިދާޅުވެފައެވެ.
ދިވެހިންގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގްލާލު ރައްކާތެރި ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިންގެ މިނިވަންކަމަށް އެހެން ގައުމުތަކުންވެސް އިހުތިރާމް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. މިހާރުވެސް ރާއްޖޭގައި މިނިވަންކަމާ ގުޅޭ އެތައް ކަންބޮޑުވުމެއް އޮތްއިރު އެކަންކަން ބަދަލުކޮށް މިނިވަން މުސްތަގިއްލު ގައުމަކަށް މިގައުމު ހަދާނޭކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

