ޒާތީގޮތުން ބަދަލުހިފަންޖެހޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ބަދަލު ހިފުމާއި ޒާތީވުން ނިމުމަކަށް ގެނެސް އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށާއި އެ މަނިކުފާނުގެ ސަރުކާރު ހިންގާނީ އެ ގޮތަށް ކަމަށެވެ.
އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ތެރޭގައި މި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ފުރުން މަނާކުރުމަށް ގޮވާލައްވައިފަ އެވެ.
މުއިއްޒު ވިދާޅުވީ، ވަކި މީހަކު ކުރިން ވަކި ގޮތެއް ހެދީމާ އޭގެ ބަދަލުގައި ޒާތީވުމާއި ބަދަލު ހިފުމުގެ ބޭނުމުގައި ކަންކަން ނުކުރައްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު އަންގަވައިގެން ކަމެއް ސަރުކާރުން ކަމެއް ކުރާ ނަމަ އެ ކަމެއް ލިޔެކިޔުމުން ފެންނަން އޮންނާނެ ކަމަށެވެ. ވިދާޅުވީ، މުއައްސަސާއަކުން ވަކި ކަމެއް ކުރަން ވެސް އެ މަނިކުފާނު ނާންގަވާނެ ކަމަށެވެ.
މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ، މި ސަރުކާރުގެ އިސްބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓައި ފުރިޔަ ނުދިނުން ފަދަ ކަންކަން “ޒާތީ ގޮތުން ބަދަލު ހިފަންށޭ ކިޔާފައި ނުކުރާނަން” ކަމަށެވެ.

