މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، ޓީޗަރުންގެ މިންނެތް މަސައްކަތުގެ އަގުވަޒަންކުރުމަށް ހާއްސަ އިދާރީ އޮނިގަނޑުތަކެއް ބައްޓަންކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ނެރުއްވި ޚިޠާބުގައި މުއިއްޒު ވިދާޅުވީ، މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމަށެވެ.
“އަދި މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނަމެވެ. ހަމައެހެންމެ މުޖުތަމައުގައި މުދައްރިސުންގެ ގަދަރާއި ޝަރަފު މަތިވެރި ކުރާނަމެވެ.” މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކާމިޔާބީގެ އައްސޭރިއަށް ގައުމަކަށް ވާސިލްވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ގައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެން ކަމަށެވެ. އެގޮތުން ފާހަގަކުރެއްވި ކަންކަމަކީ ހަރުދަނާ އަހްލާގު، ތަނަވަސް އިލްމު އަދި ކުޅަދާނަ ހުނަރުވެރިކަމެވެ.
“މި ފުރުސަތުގައި އަޅުގަނޑު ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދަންނަވާލަން ބޭނުންވާ ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ މި އަހަރު މުދައްރިސުންގެ ދުވަހުގެ ޝިއާރުން ވެސް އިޝާރާތްކުރާ އެއް މައްސަލަ އެވެ. މުދައްރިސުންގެ އަދަދު މަދުކަމެވެ. މިއީ ރާއްޖެއަށް ވެސް އޮތް މައްސަލަ އެކެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެވެ،” އިންތިހާބީ ރައީސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެ ދެ މައްސަލައަށްވެސް އެމަނިކުފާނު އުފައްދާ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އެކާވީސް ވަނަ ގަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރު ކަމާއި، ގާބިލުކަމާއި އުޅުންތެރިކަން އުފައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތައް އަށަގަންނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

