ރަނގަޅު މުޖުތަމައެއް ބިނާކުރުމުގެ ބިންގާ އަޅުއްވައިދެއްވަނީ މުދައްރިސުން ކަމަށް އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން އިންތިހާބީ ނައިބު ވިދާޅުވީ ބިންގާ ރަނގަޅު ގޮތުގައި އެޅުއްވުމަށްޓަކައި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތްތަކަކީ އަގު ނުކުރެވޭނެ މަސައްކަތްތަކެއް ކަމަށެވެ.
މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ހިތުގެ އަޑިން ޝުކުރު ދަންނަވާކަމަށް ސެމްބެ ވިދާޅުވި އެވެ. އަދި އެންމެހާ ލޮބުވެތި މުދައްރިސުންނަށް، އުފާވެރި މުދައްރިސުންގެ ދުވަހުގެ ތަހްނިޔާ އަރިސްކުރާ ކަމަށެވެ.
މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ހެޔޮލަފާ ޒުވާނުންތަކެއް މުޖްތަމައުގައި އުފެދިގެން އަންނަނީ ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތާ އެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމު ތަރައްގީކޮށްދޭނެ އުފެއްދުންތެރި އީޖާދީ ހުނަރުވެރިންތަކެއް ތައްޔާރު ކުރެވެނީ ވެސް، ޓީޗަރުންގެ މިންނެތް މަސައްކަތުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދުނިޔެއަށް އަންނަ އިގްތިސާދީ، އިޖްތިމާއީ ބަދަލުތަކާ އެއްހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އާ އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކަށް ކަމަށާއި ޓީޗަރުން ވެސް އެކަމަށް އަހުލުވެރި ކުރުވަން ޖެހޭ ކަމަށެވެ.

