ރައީސް ސާލިހުގެ ހަޔާތްޕުޅަށް އަވަސް ކަޅިއަކުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އުފަންވެ ވަޑައިގަތީ 1962 ވަނަ އަހަރުގެ މާރިޗް 1 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގައި ކުލަގަދަކޮށް ފަވާލެވިގެންދާ މިޝަހުސިއްޔަތު އުފަންވެވަޑައިގަތީ ޅ ހިންނަވަރަށް އުފަން މަންމައަކާއި ބައްޕައެއްގެ ތޭރަ ކުދިންގެ ތެރެއިން ދަރިފުޅެކެވެ. ތައުލީމު ހާސިލު ކުރެއްވުމަށްޓަކައި، މުސްތަގްބަލަށްޓަކައި "އެމްބިޝަނަކާއި ވިޝަނަކާއެކު" މާލެއަށް ބަދަލުވެވަޑައިގެން ހުންނެވީ ރެޒިޑެންޓެއްގެ ގޮތުގައެވެ.
ސާނަވީ ތައުލީމު ފުރިހަމަކުރެއްވީ މާލޭގެ މަޖީދިއްޔާ ސްކޫލުންނެވެ. މިއީ ސްކޫލު ދައުރުގައި ގިނަ ހަރަކާތްތަކުގައި ހާއްސަކޮށް ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި މަޝްހޫރު ދަރިވަރެކެވެ. އެމަނިކުފާނުގެ ހާއްސަކަމެއް ތައުލީމީ ހަޔާތުންވެސް ފާހަގަކޮށްލެވެއެވެ. އެމަނިކުފާނަކީ މާބައިވަރުފާސްތަކަކާނުލައި ރާއްޖޭގެ ރައީސްކަން ކުރެއްވި ހަމައެކަނި ރައީސްވެސްމެއެވެ. މި ގޮތުން ބަލާއިރުވެސް މިއީ ކުޑަ ކާމިޔާބެކޭ ބުނެވޭކަށް ނެތެވެ.

ރައީސްސާލިހާއި އަނބިކަނބަލުން ފަޒުނާ….ފޮޓޯ:ވިކި
އަނބިކަނބަލުން ފަޒުނާ އަހުމަދާ ކައިވެނިބައްލަވައިގެން ސާރާ ކިޔާ އަންހެން ދަރިކަނބަލަކާއި ޔަމާން ކިޔާ ފިރިހެން ދަރިކަލެއް މިދެކަނބަލުންނަށް ލިބިވަޑައިގެންފައިވެއެވެ. އަނބިކަނބަލުންގެ އާއިލާގެ ގާތްތިމާގެ ބޭފުޅެއްކަމަށް ރައީސް މުހައްމަދު ނަޝީދަކީ ރައީސް ސާލިހުގެ ޒަމާންވީ ރަހްމަތްތެރި ބޭފުޅާއެވެ.
ދިވެހިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ ގާއިމްކުރުމުގައި ރައީސްސާލިހާއި ރައީސްނަޝީދުގެ ދައުރު ވަރަށްވެސް ބޮޑެވެ. ރިޔާސީ ދައުރުގެ ތިން އަހަރު ފަހުން ސާޅީސްއަހަރަށްވުރެ ދުވަސްވީ ގުޅުން ގޯސްވީ ޕާޓީގެ ތެރޭގައި އުފެދުނު ދެބޭފުޅުންގެ ފިކުރީ މައްސަލަތަކުގެ ސަބަބުންނެވެ.

ރައީސްސާލިހާއި ނަޝީދު ރަހްމަތްތެރިކަމުގެ ނަމޫނާކަމަށްވީ ދެބޭފުޅުން ވަކިވީ ސިޔާސީ ރޭހުގެ ވާދަވެރިކަމުގެ ތެރެއިން….ފޮޓޯ:އަވަސް
ސިޔާސީ ހަޔާތްޕުޅު
1994 ވަނަ އަހަރު ސިޔާސީ ދުނިޔޭގެ ދޮރާށިން އެތެރެއަށް ވަދެ ވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ފެށްޓުނީ އުމުރުން 31 އަހަރުގައެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގެ ފުރަތަމަ ފިޔަވަޅު ނެންގެވީ ފާދިއްޕޮޅުގެ މެންބަރު ކަމުގެ ގޮނޑިއަށް ކުރިމަތިލެއްވުމާއެކުގައެވެ. އަދި ފުރަތަމަ ފިޔަވަޅުވެސް ކާމިޔާބު ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައިގެން ޅ. އަތޮޅުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވިއެވެ.
2003 އިން 2008 އަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި މޯލްޑިވްސް ޕޮލިޓިކަލް ރިފޯމް މޫވްމަންޓް އުފެއްދުމުގައި، ރައީސް ސާލިހު އިސް ދައުރެއް އަދާކުރެއްވިއިރު، އޭގެ ސަބަބުން ރާއްޖޭގައި އާ ޒަމާނީ ގާނޫނު އަސާސީއެއް ތަސްދީގުކޮށް، ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް ހިމެނޭ ޑިމޮކްރަސީއެއް ގާއިމް ކުރެވުނެވެ.
1994 ގައި ހޯއްދެވި އެ ކާމިޔާބަށް ފަހު އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި "ނާކާމިޔާބު" މިލަފުޒު އެޅިގެން ދިޔައީ އެންމެ ބާބެއްގައެވެ. އެއީ މި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. މި ދެ އިންތިހާބު ފިޔަވާ ކޮންމެ އިންތިހާބެއްގައި ވާދަކުރައްވައި ރައީސް ސާލިހު ހޯއްދެވީ ހައްތަހާވެސް ކާމިޔާބެވެ.

ސަރުކާރަށް ހިދުމަތްކުރެއްވި ފަރާތްތަކަށް އިނާމުދިނުމުގެ ތެރެއިން…ރައީސްސާލިހު ފާހަގަކުރެވިފައިވަނީ ހިތްޕުޅުތިރި އޯގާތެރިބޭފުޅެއްގެ ގޮތުގައި….ފޮޓޯ:ރައީސް އޮފީސް
2019 ވަނަ އަހަރު ފިޔަވައި އެހެން ހުރިހާ އަހަރެއްގައި މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލައްވައި ގޮނޑި ކާމިޔާބު ކުރެއްވިނަމަވެސް އެ އަހަރު މަޖިލިސް އިންތިހާބު ބޭއްވިިއިރު އެމަނިކުފާނު ހުންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައެވެ. ވުމާއެކު އެއަހަރުގެ މަޖިލިސް މެންބަރުކަމަށް އެމަނިކުފާނު ވާދަކުރައްވަން ކުރިމަތިލައްވަން ނުޖެހުނު ނަމަވެސް އެއަށްވުރެ ބޮޑު ޒިންމާއަކާއި މަތީ މަގާމެއްގައި ހުންނެވުމާއެކު، މަސައްކަތް ކުރެއްވީ އެމަނިކުފާނުގެ ސަރުކާރާއި އިސްލީޑަރުކަން ކުރައްވަމުން ގެންދަވާ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީއަށް ފައިދާ ބޮޑު ގޮތަކަށެވެ.
ސިޔާސީ ހިކްމަތްތެރި ވިސްނުންފުޅުން ކުރެއްވި މިންނަތުން އެއަހަރު ނިމިގެން ދިޔަ މަޖިލިސް އިންތިހާބު ވެގެންދިޔައީ މިހާތަނަށް ފެހިގާނޫނުއަސާސީގެ ދަށުން ބޭއްވި، އެއްޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވި އިންތިހާބަށް ވެގެންދިޔައެވެ. އެމްޑީޕީއަށް މިހާރު މިއޮތް މަޖިލީހުގައި 65 ގޮނޑި ހޯއްދަވައިދެއްވި ކުޅަދާނަ ހިންގުންތެރި ކައްޕިއަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.

ރައީސް ސާލިހު ފާހަގަކުރެވިފައިވަނީ ކުޑަކުދިންނާ ވަރަށް އަވަހަށް އެކުވެރިވާ ހިތްޕުޅު ތިރި ބޭފުޅެއްގެ ގޮތުގައި….ފޮޓޯ:ރައީސްއޮފީސް
ރައީސް ސާލިހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވައި އެމަގާމު ކާމިޔާބު ކުރެއްވީ މިހާތަނަށް އެންމެ ގިނަ ވޯޓު ހޯދައިގެން އެމަގާމު ޔަގީންކުރެއްވި ރިޔާސީ ކެންޑިޑޭޓްގެ ދަރަޖަ ހޯއްދަވައިގެންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންގެ 58.38 އިންސައްތަ ކާމިޔާބުކުރައްވައި، އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ބޮޑު ޒިންމާއާ ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނުގެ އެންމެ ގާތުގައި ހުންނެވި ސާޅީސްއަހަރުވީ މިތުރު ހަތުރަކަށް ބަދަލުވެގެން ދިޔަތަން ރައްޔިތުންނަށް ފެނިގެންދިޔައެވެ. އެމްޑީޕީ ބައިބައިވެ ދަ ޑިމޮކްރެޓްސް އުފަންވެގެން ދިޔަތަނާއި އާއިލީ ގޮތުންނާއި ރަހްމަތްތެރިކަމުގެ ގޮތުން އިންތިހާއަށް ގާތް ދެބޭފުޅުން ސިޔާސީ ރާސްތާގައި އެއްމަގަކުން ހިންގަވާ ވަޑައިގަންނަވަމުން ގޮސް، ހަތަރުއަގޮޅިއެއްގެ ކަންމައްޗަށް އަރާ ވަޑައިގެންނެވުމާއެކު ފެނިގެންދިޔައީ ދެބޭފުޅުން ގުޅިވަޑައިގެންފައިވާ އަތްޕުޅު ވަކިވެ މޫނުފުޅު އަނބުރާލެއްވުމާއެކު ދެމަގަކުން ކުރިއަށް ވަޑައިގެންނެވި މަންޒަރެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދުގެ ޒަމާންވީ ރަހްމަތްތެރިކަމުގެ ތެރެއިން….ފޮޓޯ: ސަންއޮންލައިން

ސިޔާސީ ރޭހުގައި ރައީސްސާލިހާއި ރައީސް ނަޝީދު ގެ ރަހްމަތްތެރިކަން ބަދަލުވެގެން ދިޔަ….ފޮޓޯ:ޓައިމްސް އޮފް އައްޑޫ
ސަރުކާރުގެ ތެރެއިން ދިމާވެވަޑައިގެންނެވި ކޮންމެ ގޮން ޖެހުމެއް ދެންވެސް ރައީސް ސާލިހު ކާމިޔާބުކުރެއްވިއެވެ. އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބާއި އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުންވެސް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދެވީ ރައީސް އިބްރާހިމް ސާލިހެވެ. ރައްޔިތުންގެ މަޖިލީހާއި ޕާޓީގެ ކަމާ ގުޅޭ ހުރިހާ ގުނަވަނެއްގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އަތްޕުޅަށް ނަންގަވައި އެމްޑީޕީގެ ތެރެއިން ސިޔާސީ ގޮތުން ރައީސް ނަޝީދު ބަލިކުރެއްވިއެވެ. އަދި މަޖިލީހާއި ޕާޓީގެ ފުރިހަމަ ބާރު އަތްޕުޅުގައި އޮތްކަން ރައީސް ސާލިހު ވަނީ އާންމުކޮށް އިއުލާންވެސް ކުރައްވާފައެވެ.

ރަށެއްގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން…ފޮޓޯ:ރައީސްއޮފީސް
އަދިވެސް ހަމަ އެހިނިތުންވުމުގައި އެ އަޒުމުގައި
ރައީސް ސާލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިނުގެން އިންތިހާބުން ބަލިވިކަމުގައި ވިޔަސް އެމަނިކުފާނަކީ އަދިވެސް އެއްކަލަ ހިތްވަރާއި އަޒުމުގައި ސާބިތުކަން މަތީ ހުންނެވި ކެތްތެރި ބޭފުޅާއެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އެމަނިކުފާނަކީ މިއަދު ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީ މިއަދުވެސް، ހަމަޔަގީނުންވެސް އަދި އޮތީ ރައީސް ސާލިހްގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ނިންމެވުން އާންމުކޮށް އިއުލާންވެސް ކުރައްވާފައެވެ.

އިންތިހާބުން ބަލިވުމަށްފަހު ވެސް ރައީސް ސާލިހުގެ މޫނުމަތިން ހިނިތުންވުން ފަނޑުނުވި….ފޮޓޯ:ސަން
އެމަނިކުފާނު އެހުންނެވީ އަދިވެސް 2012ގައި ވެރިކަން ވައްޓާލުމުން ޖެހިގެން އައިދުވަހު ހިތްވަރާއެކު ޕާޓީ ކޮޅަށް ޖައްސަވައިގެން ނުކުމެ ވަޑައިގެން 2018އިގައި ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ހިތްވަރުފުޅާއި އެޖޯޝުގައެެވެ. ހަމަ އެއަޒުމުގައި 2028 އަށް ތައްޔާރުވެވަޑައިގެންނެވުމަށް އޮޕޮޒިޝަނެއްގެ ގޮތުގައި އެމްޑީޕީ ގަދަފަދަކޮށް ވަރުގަދަކޮށްގެން ސަރުކާރު ޖަވާބުދާރީ ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. ކޮންމެ ގޮތަކަށް ކަންތައްވެ ނިމިގެން ދިޔަ ކަމުގައި ވިޔަސް، އަދި މާދަމާ އެހެން މަންޒަރެއް ފެނިގެން ދިޔަ ކަމުގައިވިޔަސް އަދި މިވަގުތު ރައްޔިތުންނަށް ފެންނަން އެހުންނެވި ރައީސް ސާލިހަކީ މަދުން ނޫނީ ނުފެންނަފަދަ ސިޔާސީ ޝަހުސެކެވެ.

