މާލޭސިޓީގެ ފިހާރައަކަށް ވަދެ، ފިހާރަތެރޭގައި ހުރި މީހަކަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ފުލުހުން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މިހާދިސާ ހިންގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މިކަމާ ގުޅިގެން "ހުވަދޫ" ނޫހުން ފުލުހުންނާ ސުވާލުކުރުމުން، ޖަވާބުގައި ފުލުހުން ފޮނުވި މެސެެއްގައި ބުނެފައިވަނީ ތޫނު އެއްޗަކުން ފިރިހެނަކަށް ހަމަލާދީފައިވާ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގެ ރިޕޯޓް، މިއަދު ހެނދުނު 11:02 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން 29 އަހަރުގެ އަންހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިޔޯއެއްގެ ތެރެއިން އަންހެންމީހާ ފުންމައިގެން އަރައި މުވައްޒަފަށް ހަމަލަދޭތަން….
މި ހާދިސާގައި ހަމަލަދީ ޒަހަމްކޮށްލި ފިރިހެން މީހާއަށް އޭޑީކޭއިން ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.އޭނާގެ ހާލަތު މިހާރު ރަނގަޅުކަމަށްވެއެވެ.
ނަމަވެސް މިއީ ކިހިނެއް ހިނގައިދިޔަ ހާދިސާއެއް ކަމެއް ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެންމީހާ މޯބައިލް ފޯނު ވިއްކާ ފިހާރައަކަށް ވަދެ، ފިރިހެން މުއައްޒަފު ކައިރި ވާހަކަތަކެއް ދައްކާ މަންޒަރު ފެނެއެވެ. އަދި އެ އަންހެން މިހާ ބޭރު ބަލާލުމަށް ފަހު ކުއްލިއަކަށް ވަޅި ނަގައި ކައުންޓަރު މަތިން ފުންމައިގެން އަރައި، އެ ފިރިހެން މުއައްޒަފުގެ ކަރުގައި ވަޅި އެޅުމަށްފަހު ހަމައެހާ ހަލުވި މިނުގައި ފިހާރައިން ނިކުމެގެންދާ މަންޒަރު ފެނެއެވެ. މަންޒަރުތައް ފެންނަ ގޮތުން މިއީ އެކަކު އަނެކަކަށް ކޮންމެވެސް ވަރެއްގެ ގުޅުންތަކެއް އޮތް ބައެއް ހެން ހީވާކަމަށް ސޯޝަލްމީޑިޔާގައި ބައެއްމީހުން ބުނެފައިވެއެވެ.

