ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތް އިޒްރޭލާ ދެކޮޅަށް މިއަދު ހެނދުނު ދޭން ފެށި ބާރުގަދަ ކުއްލި ހަމަލާތަކުން އިޒްރޭލުގެ ޒަމާނީ އަސްކަރިއްޔާ ހައިރާން ކުރުވާލައި ސިއްސުވާލައިފިއެވެ. އަދި ހަމާސްގެ މި ކުއްލިހަމަލަތަކަށް އިޒްރޭލުން އިޖާބަދިނުމާއެކު ފަލަސްތީނުގެ ހަމަލަތައް ހޫނުވެ ދެމެދުގައި ފެށިފައިވާ މި ކުއްލި ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ.
އެންމެ ފަހުން ލިބޭ މައުލޫމާތައް ބަލާއިރު އިޒްރޭލުން މަރުވި އަދަދު 40 އިން މައްޗަށް ގޮސްފައިވާއިރު ފަލަސްތީނުން މަރުވި އަދަދު އުޅެނީ 200 އާއި ގާތް އަދަދެއްގައެވެ.
ހަމާސް އިން ކުއްލި މިސައިލު ހަމަލާތަކުގެ ފަހަތުން ވައިގެ މަގުންނާއި ބިމުގެ މަގުން އަދި ކަނޑުގެ މަގުން ވަނީ އިޒްރޭލަށް އަރައިގެންފައެވެ. ހަމާސް ހަނގުރާމަވެރިން އިޒްރޭލަށް އަރައިގަތީ ފުލުފުލުގައި ދެހާހެއްހާ މިސައިލު ހަމަލާ ދިނުމަށްފަހު އެ ހަމަލާތަކުގެ ނިވަލުގައެވެ.އަދި އިޒްރޭލުގެ އެތެރޭގައި ހަމަލަތައް ހަމާސްއިން ދަނީ ވަރުގަދަކުރަމުންނެވެ.

ހަމަލަތައް އިތުރުވެ މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން….ފޮޓޯ:ރޮއިޓާސް
މިއީ އިޒްރޭލުގެ ހައްދުފަހަނައެޅި ޔަހޫދީންނާއި އަސްކަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުން އަންނަ ލާއިންސާނީ އަމަލުތައް ހައްދުފަހަނައަޅައި ދިޔުމުން ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސްއިން އިސްވެ އޮވެގެން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމައެކެވެ.
ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނަށް އިހާނެތިކޮށް ހިތައި މަރައިހުސްކުރުން ފިޔަވައި ޔަހޫދީން ވަނީ ފަލަސްތީނުން ނިހާޔަތަށް ލޯބިވާ މާތްވެގެންވާ މަސްޖުދުއް އަގްސާގެ ހުރުމަތް ކަނޑައި އެތަނުގައި އަޅުކަންވެސް ކުރަން ފެށުމަކީ ހަމާސް ޖަމާއަތަށް ހަނގުރާމަ ވަރުގަދައަށް ކުރިއަށް ގެންދިއުމަށް ޖެހުނު އަނެއް ސަބަބެވެ.

ހަނގުރާމަ ހޫނުވެ ދެކޮޅުން މަރުވާ މީހުންގެ އަދަދު އިތުރުވަނީ….ފޮޓޯ:ރޮއިޓާސް
މި ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށްފައެވެ. އަދި މިވަގުތު ހަމާސްއިން ބުނަނީ އިޒްރޭލުގެ އެތައް ބަޔަކު ރަހީނު ކުރެވި އަދި އޭގެ ތެރެއިން ގިނަ ބަޔަކު ގާޒާއަށްވެސް ގެންދެވިފައިވާކަމަށެވެ.
ރަހީނުކޮށްފައިވާ ފަރާތްތައް ސަލާމަތް ކުރުމަށާއި ރައްދު ހަމަލާތައް ދިނުމުގެ ގޮތުން އިޒްރޭލު ސިފައިންވެސް ވަނީ ހަމަލާތައް ދޭން ފަށާފައެވެ. އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި 200 އެއްހާ ފަލަސްތީނު ރައްޔިތުން މަރުވެ ހާހެއްހާ މީހުން ވަނީ ޒަހަމްވެފައެވެ. އިޒްރޭލުން ޒަހަމްވި މީހުން އަދަދު އުޅެނީ 700 އިން މަތީގައި ކަމަށް އިޒްރޭލުން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިޒްރޭލަށް ހައިރާން ކުރުވަނިވި ކުއްލި ސިހުމެއްް ގެނުވި ހަމާސްގެ މި ހަމަލާތައް އިތުރަށް ދިގުލައިގެންދާނެކަމަށް ބެލެވެއެވެ. އަދިވެސް ފަލަސްތީޏުން ހަމަލާތައް ވަރުގަދަ ކުރަމުންދާނެ ކަމަށް ބެލެވޭކަމަށާއި އިޒްރޭލުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ފެންނަކަމަށްވެސް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.
ބައެއް ގައުމުތަކުން ހަމާސްގެ އެ ހަމަލާތައް ކުށްވެރި ކުރަމުން އަންނައިރު އިރާނުންވަނީ ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އިރާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ފަލަސްތީނާއެކު ގުޅިގެން ހާލަތު ބަލަމުން އަންނަ ކަމަށެވެ.

