މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
އަދި އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ މިންވަރަށް އެމްޑީޕީ މެމްބަރުންގެ ސޮއި ހަމަކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. މިވަގުތު އެމްޑީޕީގައި އެއަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ވެސް ހުށަހެޅި އެވެ.
ނަމަވެސް އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ނުކޮށް އޮއްވާ އެމްޑީޕީން ފަހުން އެ މައްސަލަ އަނބުރާ ގެންދިޔަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބަށްފަހު ނަޝީދު އެ ޕާޓީން އަމިއްލަފުޅަށް ވަކިވެވަޑައިގެން އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އުފެއްދެވި ދަ ޑިމޮކްރަޓްސް ޕާޓީއާ ގުޅިވަޑައިގެން، ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ނަޝީދު ފާޑު ވިދާޅުވެފައިވެ އެވެ.

