ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އިޒްރޭލުން ބަލައިގަންނަން ޖެހޭ ކަމަށް ދިވެހި ރާއްޖޭގެ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު އެގޮތަށް ގޮވާލައްވާފައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައި ވަނިކޮށެެވެ.

މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އިޒްރޭލުން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގެ ބިންތައް ފޭރުން ހުއްޓާލުމުގެ އިތުރުން 1967 ވަނަ އަހަރުގެ ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް މުއިއްޒު ގޮވާލައްވާފައިވެ އެވެ. އަދި އިރުމަތީ ގުދުސްއިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީނަށް އެތަނަށް އަނބުރާ ދެވޭނެ މަގު ހޯދައިދޭންޖެހޭ ކަމަށް މުއިއްޒުގެ ޓްވީޓްގައިވެފައި ވިދާޅުވެފަ އެވެ.
ހަމާސް އިން އިޒްރޭލަށް ކުއްލިއަކަށް ހަމަލާދޭން ފަށާފައި ވަނީ މިއަދު ހެނދުނެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ހަމަލާ ދިނުމުގެ އިތުރުން އިޒްރޭލުން ހިސޯރު ކޮށްފައިވާ ފަލަސްތީނުގެ ބައެއް ބިންތައް ވެސް ހަމާސްގެ ކޮންޓްރޯލްގެ ދަށަށް މިހާރު ވަނީ ގެނެސްފަ އެވެ.
އެ ހަމަލާތަކުގައި އިޒްރޭލުގެ 40 އަށް ވުރެ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 750 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު އިޒްރޭލު ސިފައިންގެ ގިނަ ބަޔަކު އަތުލައިގެންފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެ އެވެ.
އަދި ރައްދުގައި އިޒްރޭލުން ގާޒާއަށް ދިން ރޮކެޓް ހަމަލާތަކުގައި ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާ ކަމަށްވެ އެވެ.

