ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވާތީ ނިންމާލައިފިއެވެ.
09:00 ގައި ފަށަން ތާވަލުކުރި މިއަދުގެ ޖަލްސާގެ ވަގުތުގައި، 09:06ގައި މަޖިލީހުގެ ނައިބުރައީސް އީވާ ވިދާޅުވީ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލައްވަނީ ކަމަށާއި ދެން ޖަލްސާއެއް އޮންނާނެ ތާރީހެއް ފަހުން އިއުލާނުކުރައްވާނެ ކަމަށެވެ.
ޖަލްސާ މިއަދު ނިންމާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ރޭގައި ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ 48 މެންބަރުންގެ ސޮޔާއިއެކީގައެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މީގެ ކުރިންވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން ހުށަހެޅި މައްސަލަ އެޕާޓީން ވަނީ އަނބުރާ ނަގާފައެވެ.
އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމުމާއެކު ނަޝީދު ވިދާޅުވީ، ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެއް މައްސަލަ ކަމަށެވެ. މިދައުރުގައި އެއްފަހަރު އެކަން ކޮށްފައިވާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ ފަހުން ހުށަހަޅާ މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށެވެ.

